މިފްކޯ މަސްކިރާ ބޯޓަކުން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނާ ގުޅޭ ބައެއް މައުލޫމާތު ކަސްޓަމްސްއިން ހާމަކޮށްފިއެވެ.
އެގޮތުން ކަސްޓަމްސްއިން ބުނެފައިވަނީ ކަނޑުމަގުން ރާއްޖެއައި ބޯޓަކުން ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާކަމަށެވެ.
އެބުނާ މަނާތަކެއްޗަކީ ކޮބައިކަން ކަސްޓަމްސްއިން ބުނެފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ބައެއް މަނާ ބޭހާއި، ޖިންސީ ގުޅުން ހިންގުމުގައި ބޭނުންކުރާ ބައެއް މަނާ އާލާތެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ ބުދަ ދުވަހު ބެންކޮކުން ފުރައިގެން ގއ.ކޫއްޑޫއަށް އައި އެމް.ވީ ޖަޒީރާ ރީފަރ ބޯޓްގައި ޤާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ކަސްޓަމްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި، ޤަވާއިދާ ޚިލާފަށް ބޯޓްގައިހުރި ގިނަ ޢަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ވަނީ ފެނިފައި ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ބޯޓުން ފެނިފައިވާ ބަނގުރާތައްވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސްއިން ބުނެފައިވެެއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އެ ބޯޓުން 31 ފުޅި ބަނގުރާ ފެނުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް