އައިޖީއެމްއެޗު ގައި ފްލޫ ކްލިނިކެއް ހުޅުވައިފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ. އެ ހޮސްޕިޓަލުން ބުނީ ފްލޫ ކްލިނިކް ހުޅުވީ މިދުވަސްވަރަކީ އެ ހޮސްޕިޓަލަށް، ހުމާއި ރޯގާ ޖެހިގެން ފަރުވާހޯދުމަށް...

24 Jun 2022 | 16:32

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ފްލޫ ކްލިނިކް ހުޅުވީ މިދުވަސްވަރަކީ އެ ހޮސްޕިޓަލަށް، ހުމާއި ރޯގާ ޖެހިގެން ފަރުވާހޯދުމަށް އަންނަ ބަލިމީހުންގެ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ ކަމަށެވެ.

އެހެންވެ، މި ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލިމީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މި ކްލިނިކްގެ ޚިދުމަތް ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ލިބޭނޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ހަތަރު ބައްޔެއް ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ޑެންގީ، އަރިދަފުސް ރޯގާ، އިންފުއެންޒާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް އިތުރުވެފައިވާ ކަމަށް ވަނީ ދައްކާފައެވެ.

އެގޮތުން މިއަހަރު މިހާތަނަށް ޑެންގީގެ 92 ކޭސް ރިޕޯޓު ކޮށްފައިވާއިރު، އޭގެތެރެއިން 32 ކޭސް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ ފަހު ހަފުތާގައި ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެެވެ. އަދި މިދިޔަ މަހު ޑެންގީގެ 185 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި 73 ކޭސް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް ވެސް ވަނީ ދައްކާފައެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން އޭޕްރީލް މަހު 12،978 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި މިދިޔަ މަހު 4،105 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް