ރުވާންޑާގައި މިހާރު ކުރިއަށްދާ ކޮމަންވެންތުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ.
މި މަހުގެ 20-25 އަށް ކުރިޔަށްދާ މި ބައްދަލުވުމުގައި، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިއާ، ޕެސިފިކްގެ 54 ޤައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
އަދި މި ބައްދަލުވުމުގައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި އައު ފުރުޞަތުތައް ދެނެގަތުމާއި އަންނަން އޮތް ޖީލުތަކަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްދާނެއެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ވިޔަފާރިއާއި ޞިއްޙަތާ އަދި ތިމާވެށި ފަދަ މައުޟޫޢުތަކަށް މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިޔަށްދާނެއެވެ.
މީގެ އިތުރުން ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުގައި 4 ފޯރަމަކާއި، މިނިސްޓީރިއަލް މީޓިންގތަކާއި، ހަވާސާގައި ބާއްވާ އިވެންޓްތަކާއި، އެހެނިހެން ޙަރަކާތްތައްވެސް ހިމެނެއެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވުން އެއީ ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ކަށަވަރުކަން ލިބިގެންދާ ކަމެކެވެ.
އަދި މިއީ ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރީގެ ކުރިއެރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމަށް އެއްބާރުލުން ހޯދުމާއި، ތަޢުލީމާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދޭ ވެސް ކަމެއްމެއެވެ.
ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ މި ފުރުޞަތުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު، ބައިނަލްއަޤްވާމީ މައިދާނުގައި އުފުއްލެވުމަށްވެސް މަސައްކަތްކުރައްވާނެއެވެ.
ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 9 ޖުލައި 1982 ގައެވެ. ނަމަވެސް 13 އޮކްޓޯބަރ 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފައެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން 1 ފެބްރުއަރީ 2020 ގައި ބަލައިގަނެ، ރާއްޖެވަނީ އެޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ހިމަނާފައެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ޖޫން މަހުގައެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާ ތާރީޚު ފަސްކުރެވުނެވެ.
ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން 2022 މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އަލުން އެޖަމާޢަތާ ގުޅުނު ފަހުން ބާއްވާ މީގެ ފުރަތަމަ ބައްދަލުވުމެވެ.
ކޮމަންވެލްތުގައި ހިމެނޭ 54 ޤައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާ އިރު، އޭގެ ތެރެއިން 25 ޤައުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް