ވީޑިއޯއިން ފެންނަ މީހާ މި ސަރުކާރުން ފިލުވަފާނެތީ ޕާސްޕޯޓު ހިފަހައްޓަން އިދިކޮޅުން ގޮވާލައިފި

މިއަދު އާއްމުވެގެން އުޅޭ، ދެ ފިރިހެނަކު އެއް ޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯގައި ހިމެނޭ މީހާ މި ސަރުކާރުން ފިލުވަފާނެކަމަށް ބަލައި އަވަހަށް ޕާސްޕޯޓު ހިފެހެއްޓުމަށް ސިޔާސީ އިދިކޮޅު ކޯލީޝަނ...

24 Jun 2022 | 11:18

މިއަދު އާއްމުވެގެން އުޅޭ، ދެ ފިރިހެނަކު އެއް ޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯގައި ހިމެނޭ މީހާ މި ސަރުކާރުން ފިލުވަފާނެކަމަށް ބަލައި އަވަހަށް ޕާސްޕޯޓު ހިފެހެއްޓުމަށް ސިޔާސީ އިދިކޮޅު ކޯލީޝަނުން ގޮވާލައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ކޯލީޝަނުން މިކަމަށް ގޮވާލާފައިވަނީ މި ވީޑިއޯއާއި ގުޅިގެން އެ ކޯލީޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި މީހުންނާއި ދިމާކޮށް ފުރައްސާރަކުރަމުން ގެންދާ ލޯޔަރު ނާޒިމް ސައްތާރުކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ މީހަކު ކުޑަ ފިރިހެން ކުއްޖަކާއެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދައުރުވަމުންދާތީ އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި އެ ވީޑިއޯއިން ފެންނަ ފަރާތް ހޯދާ ހިފާ ހައްޔަރުކޮށް ދައުވާ އުފުލުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

" އަދި މިފަދަ ގާނޫނީ އަދި ލާދީނީ ކަންކަން ކޮށްފަވާ ފަރާތްތައް މީގެ ކުރިންވެސް މި ސަރުކާރުން ގައުމުން ބޭރަށް ފުރުވާލާފައިވާތީ، މި ވީޑިއޯއިން ފެންނަ ފަރާތްވެސް ފިލުވަން މި ސަރުކާރުން މަސައްކަތް ކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވޭތީ، އެ ފަރާތުގެ ޕާސްޕޯޓު ހިފަހައްޓާ ގައުމުން ބޭރަށް ފުރުން ހުއްޓުވުމުގެ އަވަސް ފިޔަވަޅުތައް އެޅުމަަށްވެސް ގޮވާލަމެވެ. އަދި އޭނާ ފުރުފުވަން ނޫޅުމަށްވެސް މި ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

އިދިކޮޅު ކޯލީޝަންގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސިޔާސީ ގޮތުން ބާރުގަދަ އާއިލާއަކަށް ނިސްބަތްވުމަކީ ފާހިސް މުޑުދާރު އަމަލު ހިންގާ ގާނޫނާ ހިލާފުވުމަށް ދެވޭ ހުއްދައަކަށް ވެގެންނުވާނެ ކަމަށާއި ވަކި އާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވީ ނަމަވެސް ގާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިންގަން ޖެހޭނެ އެއްޗެއް ކަމަށެވެ. މީގެ ކުރިންވެސް މިފަދަ އެތައް އަމަލެއް ހިންގާފައިވާ ފަރާތްތަކުގެ މައްސަލަތައް އޮއްބާލާ، ތުހުމަތު ކުރެވޭ ފަރާތްތައް ގައުމުން ބޭރށް ފުރުވާލުން ފަދަ އެތައް ކަމެއް މި ސަރުކާރުން ވަނީ ކޮށްފައި ކަމަށާއި އޭގެ ތެރޭގައި ރޯޔަލް ރޭޕް ހާދިސާއާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަންހެނުންގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަތްފައިވާ ފަރާތްތަކުގެ ކަންކަން ފޮރުވާ މި ސަރުކާރުން ވަނީ އެކަންކަން އޮއްބާލާފައިވާކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ދީީނީ އިލްމުވެރިންނާއި ހޯމް މިނިސްޓަރު ފަދަ ސޭޚުން ގިނަ އަދަދަކަށް ހިމެނޭ ސަރުކާރަކުން އެފަދަ ލާދީނީ ކަންކަމަށް ހިތްވަރުދީ، ލާދީނިއްޔަތު ޕްރޮމޯޓް ކުރާ ފަރާތްތައް ފުރުވާލާ، އެފަދަ މުޑުދާރު އަމަލުތައް ފޮރުވަން މަސައްކަތް ކުރުމަކީ ހިތާމަހުރި ލަދުވެތި ކަންކަން ކަމަށެވެ.

މި ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް