ރޮނާލްޑޯ ޔުނައިޓެޑްު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކެއް މީޑިއާގައި ފެންމަތިވެއްޖެއެވެ. ބައެއް މ...

24 Jun 2022 | 07:11

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކެއް މީޑިއާގައި ފެންމަތިވެއްޖެއެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ޚަބަރު ފަތުރާ ގޮތުގައި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް މިހާރުވަނީ ރޮނާލްޑޯގެ ޓްރާންސްފާ އާއި ގުޅޭ ގޮތުން މަސްވަރާތައް ކުރުމަށް މެންޗެސްޓަރ އަށް ގޮސްފައެވެ. އަދި މެންޑޭސް ޔުނައިޓެޑަށް އޭނާގެ އަމިއްލަ ޖެޓުގައި ކުރި ދަތުރުގެ ފޮޓޯއެއް ވެސް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯގެ އެޖެންޓް ބޭނުން ވަނީ ރޮނާލްޑޯ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބަކަށް ބަދަލުވާށެވެ. އެގޮތުން މެންޑޭސް އެންމެ ބޮޑަށް ބޭނުން ވަނީ ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބު އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމަށް ކަމަށް ރިޕޯޓުގައި ވެއެވެ. އެގޮތުން މެންޑޭސް މިހާރު ރޮނާލްޑޯ އެ ކުލަބަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް އޮތްތޯ ބެލުމަށް ޔުވެންޓަސްގެ އިސްފަރާތްތަކާއި މަޝްވަރާވެސް ކޮށްފައިވާ ކަމަށް ބުނެވެއެވެ. އެހެން ނަމަވެސް އެކަން އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ކަށަވަރު ކޮށެއް ނުދެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުގާ ގޮތުން ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ބަދަލުވާން ބޭނުން ވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކް އަށެވެ. ބަޔާންގެ ތަރި ލެވެންޑޯސްކީ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވޭއިރު އޭނާ ނެތްތަން ފޫބެއް ދުމަށް ބަޔާންއިން ބޭނުން ވަނީ ރޮނާލްޑޯ އެ ކުލަބަށް ގެނައުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ދާން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައި ވީ ނަމަވެސް ރޮނާލްޑޯ އާއި އޭނާގެ އެޖެންޓް މެންޑޭސް ގެ ފަރާތުން ރަސްމީކޮށް މިކަމާއި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ އިޓަލީގެ ޔުވެންޓަސް އިން 2021 ވަނަ އަހަރު 15 މިލިއަން ޔޫރޯގެ އަގަކަށެވެ. ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑާއި އެކު ރޮނާލްޑޯ އަށް މާ އެދެވޭ ކާމިޔާބީތަކެއް ހޯދިފައި ނުވާއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޔނައިޓެޑަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

މިނިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް