އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓަކަށް ވުމުގެ ފުރުސަތު 22 ފަރާތަކަށް އެކުންފުނިން ދީފިއެވެ. އެސްޓީއޯއިން އެޖެންޓުން ހޯދުމަށް މާރޗް މަހު ހުޅުވާލި ފުރުސަތުގައި މިކަަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވި ފަރާތްތަކާ އެޖެންޓްކަން ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް މީގެ ސަބަބުން ލިބުން މަގުފަހި ވެގެން ދާނެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ. އެޖެންޓުން އައްޔަނުކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ" އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން ފާހަގަކުރައްވައެވެ.
މާޗު މަހު ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި މިހާރު އައްޔަނު ކުރެވިފައިވާކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައިވީނަމަވެސް، އެ ކުންފުނިންވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކައް ބަދަލުގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން ނިންމާފައެވެ.
އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭއިރު ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެއެވެ. ފޯމް އެސްޓީއޯ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެ،
އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް