ޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ސަލަފުން ކަންބޮޑުވުން ފާޅުކޮށްފި

ސަލަފް ޖަމިއްޔާގެ ދައުވާ ކޯޑިނޭޓަރ އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ސަލަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސަލަފް ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދީނީޢިލްމުވެރިނ...

24 Jun 2021 | 14:40

ސަލަފް ޖަމިއްޔާގެ ދައުވާ ކޯޑިނޭޓަރ އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރު ކުރުމުން ސަލަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަލަފް ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެ ނަމަ އެމީހަކާ އެންމެފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށެވެ. ނަމަވެސް އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ޙާޒިރުކޮށް ، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމުގައި އެޖަމްޢިއްޔާއިން ދެކޭކަމަށް ސަލަފުން ބުނެފައިވެއެވެ.

"ދިވެހިރައްޔިތުންނަށާއި، ނަފްރަތުގެ ބިލު ބަލައި ނުގަތުމަށް އެޖަމްޢިއްޔާއިން ކުރަމުންދާ ކެމްޕޭންގައި ބައިވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ﷲ ނޫންފަރާތެއްގެ ބިރެއް އަޅުގަނޑުމެން ނުގަންނާނެ. އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ،ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު އަޅުގަނޑުމެންސާބިތުވެތިބޭނަން"ސަލަފުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އައްޝައިޚް މުޖްތަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުހައްޔާއި، ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ދެކޭކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަލަފް ޖަމިއްޔާގެ ދައުވާ ކޯޑިނޭޓަރު، މުޖުތަބާ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ، ކުރެއްވި ޓުވީޓަކާ ގުޅިގެން ކަމަށް މުޖުތަބާ ވިދާޅުވެފައި ވެއެވެ.

https://twitter.com/HameedMujthaba/status/1408033018128703493

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް