މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބަންދަށް ލުއި ނުދީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ޕެސްޓު ހައްޔަރު ކުރީ، މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގައި އެވެ. އޭނާއާ އެކު އިތުރު ހަތަރު މީހަކު ހައްޔަރު ކުރި އިރު އެމީހުންގެ އަތުން 2.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތް މިހާޜު ވަނީ ފަށާފައި އެވެ.
މިއަދު އޮތީ ޕެސްޓުގެ ބަންދު ރިވިއު ކުރުމުގެ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިި ކުރާކަމުގެ ހެކި ޕެސްޓާ ދެކޮޅަށް އެބަހުރި ކަމަށާއި އޭނާގެ ފަރާތުން މުޖުތަައުގެ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކަމަށެވެ.
އެކަމަށް ޕެސްޓުގެ ވަކީލުން ދެކޮޅު ހަދާފައިވެ އެވެ. އަދި ބުނެފައިވަނީ މި މައްސަލައިގެ ސަބަބުން ޕެސްޓުގެ މިއުޒިކް ކެރިއަރަށް އަސަރު ކުރަމުންދާ ކަމަށެވެ.
އެކަމަށް ޕެސްޓްގެ ވަކީލުން ދެކޮޅު ހެދިޔަސް، ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.
ޕެސްޓުގެ މައްޗަށް އުފުލާފައި ވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް