"އެވިޑް ސްކޫލް އޮފް އޭވިއޭޝަން" ގެ ނަމުގައި އެވިޑުން ގަތް އައްޑޫ ފްލައިންގް ސްކޫލް ހިންގަނީ

އައްޑޫ ސިޓީގެ ގަމުގައި ހިންގާ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ހިންގުމަށް އެވިޑް ކޮލެޖުން ގަނެ އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފި އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގ...

24 Jun 2021 | 12:17

އައްޑޫ ސިޓީގެ ގަމުގައި ހިންގާ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ހިންގުމަށް އެވިޑް ކޮލެޖުން ގަނެ އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފި އެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ. އޭއޭއޭ އިން ސޮއިކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން މުޝްތާގް ވިދާޅުވީ އެވިޑު ކޮލެޖުން ފްލައިން ސްކޫލް ހިންގާނީ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" (އަސާ)ގެ ނަމުގައި ކަމަށެވެ.

"އައްޑޫގައި ކުރިއަށްގެންދިޔަ ޓްރިޕްލް އޭ ފްލައިން ސްކޫލުގެ ހުރިހާ ތަކެއްޗެއް، މިލްކިއްޔާތު އެއްކޮށް ގަތުމުގެ އެއްބަސްވުމުގައި މިއަދު މި ސޮއިކުރީ. މަގްސަދަކީ ދަރިވަރުންނާއި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެއްބާރުލުންދީ، ދަރިވަރުންނާ ގުޅިގެން މިއަދުން ފެށިގެން މަސައްކަތް ކުރަން ފެށުން." މުޝްތާގު ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި އިސްކަންދޭނީ ފްލައިން ސްކޫލުގައި ތިބި 170 ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ކޯސް ވީ އެންމެއަވަހަށް ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކަމުގައި މުޝްތާގު ވިދާޅުވި އެވެ.

މުޝްތާގު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން މިހާރު އޭއޭއޭގެ ދަށުގައި ހުރި ހުރިހާ މުދަލެއް އެވިޑް ކޮލެޖުގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކާ އެކީ އިންތިގާލީ މަރުހަލާ އަށް ހަ މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް އެއަށްވުރެ ކުރިންވެސް މި މަރުހަލާތައް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިހާރު އޭއޭއޭ އަށް ސިވިލް އޭވިއޭޝަނުން ދީފަ އޮތް ހުއްދަ މިވަނީ ބާތިލު ކޮށްފަ. އެއީ އެ ކުންފުންޏަށް ދިން ހުއްދަ. އެ ހުއްދަ މިހާރު އެވިޑުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މި މަސައްކަތުގެ ޓްރާންސިޝަން ފޭސް ޕީރިއަޑަށް ލަފާ ކުރެވެނީ ހަ މަސް ދުވަސް ނަގާނެ ކަމަށް. އެކަމަކު އެއަށްވުރެ އަވަސް ކުރެވޭތޯވެސް މަސައްކަތް ކުރާނަން. މި މުއްދަތަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ފްލައިން ސްކޫލް ހިންގަން އޭއޭއޭއަށް ދޫކޮށްފައި އޮތް ލައިސެންސް އެވިޑް ކޮލެޖުގެ ދަށަށް ބަދަލުކުރަން ހިނގާނެ މުއްދަތު. އެކަމަކު މި މުއްދަތުގެ ތެރޭގަ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތެއް އަޅުގަނޑުމެން މިދަނީ ބަލަމުން." އޭނާ ވިދާޅުވި އެވެ.

އެ ސްކޫލްގައި ދަރިވަރުންނަށް ގޮންޖެހުންތަކަކާ ކުރިމަތިވެ، ސްކޫލުގެ ކަންކަން ބޮއްސުލައިގެން ދިއުމުން، ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފްލައިން ސްކޫލްގެ ހުއްދަ ވަނީ ބާތިލު ކޮށްފަ އެވެ.

މިހާރު އެ ސްކޫލުގައި ތިބި ދަރިވަރުންގެ ކިޔެވުން މި އަހަރު ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި މުޝްތާގު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް