13 އަހަރުގެ ކުޑަކުއްޖާ ރަހީނުކޮށް މަރާލި މައްސަލަ ރިޕޯޓު ކުރި ގޮތުން އޮންލައިން ނޫސް "އަވަސް" ޖޫރިމަނާ ކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން އެ ނޫސް ޖޫރިމަނާ ކުރީ 2،000 ރުފިޔާއިންނެވެ. އެ ނޫހުން ބުނީ ޖެންޑާއިން އެ ތަން ޖޫރިމަނާ ކުރީ އެ މިނިސްޓްރީގެ ދަށުގައި އޮންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަރާތުން ކަމަށެވެ.
އަވަސްއަށް ފޮނުވި ސިޓީގައި ޖެންޑާއިން ބުނެފައިވަނީ ކުއްޖާ މަރު މައްސަލައިގައި "އަވަސް" އިން ހަބަރު ފަތުރާފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށެވެ. އަދި އެ ނޫނަސް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން އަންނަފަދަ ހަބަރުތައް އަވަސްއިން ފަތުރަ އެވެ.
އިތުރަށް ބުނީ މިފަދަ ހާދިސާތަކާއި ގުޅުންހުރި މައުލޫމާތުތަކަކީ ސައްހަކަން ކަށަވަރު ނުކޮށް ސޯޝަލް މީޑިއާ އާއި މީޑިއާގައި އާންމު ކޮށްގެންވާނެ މައުލޫމާތުތަކެއް ނޫން ކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ.
ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނޭކަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ. "އަވަސް" އަށް ފިޔަވަޅު އަޅާފައި ވަނީ ކަމުގެ ކުޑަބޮޑުމިނަށް ބަލާފައި އެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާ ފަދަ މައުލޫމާތު މީޑިއާގައި އާންމު ކޮށްފައިވާތީ އެވެ.
އަވަސްގެ އިތުރުން، އޮންލައިން ނޫސް "ވަގުތު" "ވަން" އަދި " އަދަދު" އަށް ޖެންޑާއިން ނޯޓިސް ފޮނުވާވައިވާ ކަމަށް އެ ނޫސްތަކުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް