އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާވެސް ކޯޓުގައި އެދިއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވަނިކޮށް ކޯޓު މެދުވެރިކޮށް ޕާސ...

24 Jun 2021 | 07:13

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކުގެ ދައުވާ އުފުލާފައިވަނިކޮށް ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އަލީ މިވަގުތު ހުންނެވީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތުގައި އެވެ. ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވި އިރުވެސް އޭނާ ރާއްޖެ ވަޑައި ނުގެންނަވާއިރު ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މީޑިއާގައި ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓަށް ހުށަހަޅަން ފުލުހުންގެ އިދާރާގައި އެ އޮފީހުން އެދުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުގެ މަތިން ފުލުހުން މިހާރު ކުރިމިނަލް ކޯޓަށް އެކަން ހުށަހަޅާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވަ ކޯޓު މެދުވެރިކޮށް ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ޕާސްޕޯޓު ހޯދީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާ ގޮތަށެވެ.

އަލީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިން ނަމަވެސް ޕީޖީ އޮފީހުން ދަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ. އަދި އަލީ ހުންނެވީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނެއްގައި ނޫން ކަމަށް ބުނެފައިވެ އެވެ.

އަލީގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް