ހިޔާ ފްލެޓު ލިބުނު މީހުންނަށް ހޮނިހިރު ދުވަހުު ފްލެޓުތައް ދައްކަން ފަށަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް އިމާރާތްތައް ދައްކަން ފަށަން ތައްޔާރު ވެއްޖެ އެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ...

24 Jun 2021 | 05:59

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް އިމާރާތްތައް ދައްކަން ފަށަން ތައްޔާރު ވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ މަސައްކަތް ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އިމާރާތްތައް ދެއްކުން ކުރިޔަށް ދާނީ ހޮނިހިރު ދުވަހުން ފެށީގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަތަރު ދަންފަޅިއަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނީ ކޮންމެ ފްލެޓެއް ބެލުމުގެ ފުރުސަތު ދެވޭނީ ދެ މީހަކަށް ކަމަށެވެ. އަދި ފްލެޓު ބަލަން ދާ ދެމީހުންގެ އައިޑީކާޑު އޮންނަންވާނެ ކަމަށާއި ފްލެޓު ލިބޭ ފަރާތަށް ނުދެވޭ ނަމަ ބަލަން ދާ މީހުންގެ އަތުގައި ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް އޮންނަންވާނެ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނިގޮތުގައި ފްލެޓްތައް ދެއްކުމަށް ހުޅުވައިލީ، ފްލެޓް ލިބިފައިވާ މީހުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފްލެޓްތައް، ބަލައި ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތުގެ އަންދާޒާއެއް ހެދުމަށާއި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފްލެޓްގެ މިންތައް ނެގުމަށް ފުރުސަތު ދިނުމަށެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ގިނަ ފްލެޓްތަކެއް މިހާރު ނިމިފައިވާތީ، ފްލެޓް ދެއްކުމުގެ މަސައްކަތް ކުރުމަށް ހާއްސަކޮށް އިންޓާނަލް މުވައްޒަފުންތަކެއް ނަގާފައިވާ ކަމަށެވެ. އެހެންވެ، ފްލެޓް ބަލަންް ދާ މީހުން ކުރާ ސުވާލުތަކަށް އެ ދުވަހު ޖަވާބު ނުދެވިދާނެ ކަމަށާއި އެކަމަކު ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު، ސުވާލުތަކަށް ޖަވާބުދާރީވުމަށް ފުރިހަމަ އަށް ތައްޔާރީވާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ހުޅުވާލާ މި ފުރުސަތުގައި ހަމަޖެހިފައިވާ ދުވަހަށް ފްލެޓް ބަލަން ނުދެވޭ ނަމަ، ފްލެޓް ދެއްކުމަށް ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ކަމަށް އެޗްޑީސީން ބުނެ އެވެ.

25 ބުރީގެ 16 ޓަވަރުގައި ހުރި ފްލެޓްތައް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާ އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާނެ އެވެ.

މިއީ ސަރުކާރުން ހިންގި ސޯޝަަލް ހައުސިން ސްކީމެއްގައި އެންމެ އަގު ބޮޑުކޮށް ފްލެޓް ވިއްކާ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް