ވާދޫގައި ދަރި ވައްޓާލަން އުޅުނު އަންހެނެއްގެ ހާލު ދެރަވެ ހޮސްޕިޓަލަށް، ދަރި އޮތީ މަރުވެފައި

ގދ ވާދޫގައި ދަރި ވައްޓާލަން އުޅުނު އަންހެނެއްގެ ހާލު ދެރަވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ. އެ އަންހެން މީހާއަށް ފަރުވާ ދެމުން އަންނައިރު ވައްޓާލި ދަރި އޮތީ މަރުވެފަ އެވެ. އެއީ ފިރިހެ...

24 Jun 2017 | 18:19

ގދ ވާދޫގައި ދަރި ވައްޓާލަން އުޅުނު އަންހެނެއްގެ ހާލު ދެރަވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ. އެ އަންހެން މީހާއަށް ފަރުވާ ދެމުން އަންނައިރު ވައްޓާލި ދަރި އޮތީ މަރުވެފަ އެވެ. އެއީ ފިރިހެން ކުއްޖެކެވެ. އަދި އެ ކުއްޖާ އޮތީ އެގޭގެ ފާހާނާ ތެރޭގައި ތެއްޔެއްގެ ތެރެއަށް ލާފަ އެވެ. ދަރި ވައްޓާލަން އުޅުނީ ބަނޑަށް ހަ މަހުގަ އެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ރަށު ތެރޭގައި ވާހަކަ ދެކެވޭގޮތުގައި އެ އަންހެންމީހާ މިރޭ 7:00 ހާއިރު ފާހާނައަށްވަދެ އެކަމެއް ކުރަން އުޅެ އެކަމެއް ކާމިޔާބު ނުވެ މަސް ނުވެއްޓިގެން އޭނާގެ ދަރިއެއް ލައްވައި ޖެހިގެން ހުރި ގެއެއްގައި އުޅޭ އުމުރުން ދުވަސްވީ އަންހެނަކަށް ގޮވި ކަމަށެވެ. އަދި އެ ގެއަށް ދިޔަ އުމުރުން ދުވަސްވީ އަންހެންމީހާ އަށް ފެނުނު މަންޒަރުން އެ އަންހެންމީހާވެސް ހޭނެތިގެން ވެއްޓުނީ ކަމަށެވެ. އަދި އުމުރުން ދުވަސްވީ އަންހެންމީހާއަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

"މިރޭ 09:30 ހާއިރު ދެމީހުން ހޮސްޕިޓަލަށް ގެނައިކަމަށް މައުލޫމާތު ލިބެނީ، ދަރި ވައްޓާލަން އުޅުނު އަންހެންމީހާގެ މަސް ނުވެއްޓި ހާލު ދެރަވުމުން ތިނަދޫ ހޮސްޕިޓަލަށް ފޮނުވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބޭ" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން އިތުރަށް ބުނީ އެ އަންހެންމީހާއަކީ ތިން ދަރިންނާއެކު ވަކިން ގެއެއްގައި އުޅޭ އަންހެނެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް