ތ. ވަންދޫގައި ފަގީރުންގެ ގޮތުގައި އެއްވެސް މީހަކު ރެޖިސްޓްރީވެފައި ނުވާތީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އެ އަތޮޅު ހިރިލަންދޫއަށް ހަދިޔާކޮށްފި އެވެ.
ގާތްގަނޑަކަށް 400 މީހުންގެ އާބާދީ އޮތް ވަންދޫގައި ޒަކާތުގެ ގޮތުގައި އަށް ހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް ވިދާޅުވީ ޒަކާތުގެ ގޮތުގައި އެ ރަށު ކައުންސިލަށް ދެއްކި ފައިސާ ހިރިލަންދޫއަށް ހަދިޔާކުރަން ނިންމީ އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިންކަމަށެވެ.
މިދިޔަ ތިން އަހަރުވެސް އެ ރަށުގެ ފަގީރުންގެ ލިސްޓުގައި މީހަކު ރެޖިސްޓްރީވެފައެއް ނުވެ އެވެ. ގިޔާސް ވިދާޅުވީ މީގެ ކުރިންވެސް އަމަލު ކޮށްފައިވާނީ އިސްލާމިކް މިނިސްޓްރީން އެންގި ގޮތައް ކަމަށެވެ.
މީގެ އިތުރުން ބ. އޭދަފުށީގައި ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީވެފައިވަނީ ނުވަ މީހުންނެވެ. އެރަށުން 2742 މީހުން 66 ހާހަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައިވެ އެވެ. އެހެންވެ ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީވި ކޮންމެ މީހަކަށް 7،384 ރުފިޔާ ބަހާނެ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް