ފިލްމު "ނީރްޖާ" ގެ ފައިދާއިން ލިބެންޖެހޭ ބައި ހޯދަން ނީރްޖާގެ އާއިލާއިން ކޯޓަށް!

ބޮލީވުޑްގެ ފިލްމު "ނީރްޖާ" އަށް ލިބުނު ފައިދާއިން އެ ފިލްމު ނިސްބަތްވާ އެއާހޮސްޓެސްޓު ނީރްޖާ ބަނޮޓްގެ އާއިލާއަށް ދޭންޖެހޭ ފައިސާ ނުދީގެން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. ނީރްޖާ އެއާހޮސްޓެސްޓެއްގެ ގ...

24 Jun 2017 | 03:30

ބޮލީވުޑްގެ ފިލްމު "ނީރްޖާ" އަށް ލިބުނު ފައިދާއިން އެ ފިލްމު ނިސްބަތްވާ އެއާހޮސްޓެސްޓު ނީރްޖާ ބަނޮޓްގެ އާއިލާއަށް ދޭންޖެހޭ ފައިސާ ނުދީގެން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ނީރްޖާ އެއާހޮސްޓެސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ފްލައިޓެއް ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް ހައިޖެކް ކުރުމުން ފަސެންޖަރުން ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ޓެރަރިސްޓުންގެ ހަމަލާއެއްގައި އޭނާ މަރުވި ހާދިސާ ހިނގާފައިވަނީ 1986 ވަނަ އަހަރު އެވެ. އެ ހާދިސާގެ މައްޗަށް ބިނާކޮށް ސޯނަމް ކަޕޫރު ނީރްޖާގެ ރޯލުން ފެނިގެންދިޔަ ފިލްމު "ނީރްޖާ ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

ބަނޮޓްގެ އާއިލާއިން އެ ފިލްމު އުފެއްދި ފޮކްސް ސްޓާ ސްޓޫޑިއޯސް އިންޑިއާ އާއި އެމީހުންނާއި އެކު އެގްރިމެންޓު ހެދި ބްލިން ކުންފުންޏާއި ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން 7.5 ލައްކަ ރުޕީސްގެ އިތުރުން ފިލްމަށް ލިބުނު ފައިދާއިން 10 ޕަސެންޓު އާއިލާއަށް ދޭން ޖެހެ އެވެ.

އެކަމަކު އާއިލާއިން ބުނެފައިވަނީ ޕްރޮޑަކްޝަން ޓީމުން އާއިލާއަށް ދޭން މަސައްކަތް ކުރީ 10 ޕަސެންޓު ފައިދާއާއި އެކު ކަމަށް ބުނެ 24.75 ލައްކަ ރުޕީސް ކަމަށެވެ. އާއިލާއިން އެ ފައިސާއާއި ހަވާލުވެފައިއެއް ނުވެ އެވެ. އާއިލާއިން ގަބޫލު ކުރާ ގޮތުގައި ފިލްމަށް ލިބުނު އާމްދަނީއިން ލިބެންޖެހޭ 10 ޕަސެންޓު ހިމެނުމުން އެއަށްވުރެ ގިނައިން އެ އާއިލާއަށް ފައިސާ ދޭންޖެހެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ނީރްޖާއަށް ވަނީ ފައިދާގެ ގޮތުގައި 135 ކްރޯޑް ރުޕީސް ލިބިފައި އެވެ.

މިކަމާ ގުޅިގެން ފިލްމު އުފެއްދި ކުންފުނިން ބުނެފައިވަނީ ނީރްޖާއަށް ލިބުނު ފައިދާއިން އާއިލާއަށް ދޭންޖެހޭ ބައި މިދިޔަ މަހުވެސް ހުށަހެޅުމުން އެމީހުން ގަބޫލު ނުކުރީ ކަމަށެވެ.

ނީރްޖާގެ އާއިލާއިން ބުނީ އެމީހުން އެ ފައިސާ ހަދިޔާ ކުރަން ނިންމާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް ކަމަށެވެ. ނީރްޖާގެ ހިތްވަރުގަދަ މަސައްކަތަށް އޭނާ މަރުވިފަހުން ވަނީ ގައުމީ އެވޯޑު ދީފަ އެވެ. އަދި މި ދިޔަ އަހަރު އުފެއްދި ފިލްމް ނީރްޖާ އަށްވެސް ވަނީ ގައުމީ އެވޯޑު ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް