މިމަހު އެކަނިވެސް ރާއްޖެއިން ޑެންގީ ހުން ޖެހިގެން 112 މީހުން ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކޮންމެ އަހަރެއްގެ ވެސް ޖޫން ޖުލައި އަކީ ޑެންގީ ހުން ފެތުރޭ ދުވަސްވަރަށް ވާއިރު މިދުވަސް ވަރު އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ ހއ، ށ، ރ، އަދި ބ އަތޮޅުން ކަމަށެވެ.
އެ އެޖެންސީން ނެރެފައިވާ ހެލްތް އެލާޓުގައި ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން އަދި ވައިރަލް ހުން އިތުރުވަމުންދާތީ ޑެންގީ ހުމުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ މަދިރިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މަދިރި މަދުކުރުމަށް މަސައްކަތް ކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެކަން ކުރުމަށް އެދޭ ކަމަށެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް ހަފްތާއަކު އެއްފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލައި ފެންހުސްކޮށް ސާފުކުރުމާއި، ގޯތިތެރެއާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިން ތަކަށް ކުނި އުކާލުން އަދި ކުނިއުކާލާ ޑަސްބިންފަދަ ތަކެތި ފެން ނޭޅޭ ގޮތަށް މަތި ބަންދުކޮށްފައި ބެހެއްޓުމާއި، މަދިިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ނިވާވާފަދަ ގޮތަށް ހެދުން އެޅުމުގެ އިތުރުން މަދިރި ލޯޝަންއާ މޮސްކިޓޯ ރެޕެލެންޓް ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އެޖެންސީން ބުނީ މިއަހަރު މިހާތަނަށް ޑެންގީ ހުމުގެ 354 ރިޕޯޓު ހުށަހެޅިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް