ގާނޫނުގެ ދިފާއުގައި ނުކުތް މީހުން ހެދި ގޮތުން އުންމީދު ގެއްލިއްޖެ: ސުއޫދު

ގާނޫނުއަސާސީގެ ދިފާއުގައި ނިކުތް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހެދި ގޮތުން އުއްމީދު ގެއްލިއްޖެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށ...

24 Jun 2015 | 07:25

ގާނޫނުއަސާސީގެ ދިފާއުގައި ނިކުތް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހެދި ގޮތުން އުއްމީދު ގެއްލިއްޖެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރުމަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ތްރީލައިން ވިޕެއް ނެރުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ ސުއޫދު ކުރައްވާފައިވާ ޓްވީޓްތަކެއްގަ ވިދާޅުވެފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހެދި ގޮތުން އުއްމީދު ގެއްލިއްޖެ ކަމަށާއި އުސޫލުތައް މަތީގައި ދެމިނުތިބެވުމުގެ ހިތި ފެންނާނެ ކަމަށެވެ.

އެމްޑީޕީ އާއި ޖޭޕީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސުއޫދު ވިދާޅުވީ އިސްލާހަށް ވޯޓު ދިނުމުގައި އަމިއްލަ އެދުންތަކެއް ހާސިލް ކުރުން ނޫން ކަމެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން "ޑިކްޓޭޓަޝިޕް" ވަރުގަދަވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

https://twitter.com/hsuood/status/613414803940339712

"ޖޭޕީން ވޯޓު ވިއްކާލަނީ އެމީހުންގެ ލީޑަރަށް ރާއްޖެ އާދެވޭގޮތް ހަދަންތަ؟ އެމްޑީޕީން ވޯޓު ވިއްކާ އެލަނީ އަށް ހަފްތާއަށް ގެއަށް ބަދަލުކޮށްދިނީމަތަ؟،" ސުއޫދު ކުރެއްވި ޓުވީޓެއްގައި ވެއެވެ.

https://twitter.com/hsuood/status/613420720618500096

މީގެއިތުރުން އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ޒާތީ ސިޔާސީ ފައިދާއަށް ގާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ލުމަކީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ކޮށްފައިވާ ހުވަޔާއި ހިލާފުވާނެ ކަމެއް ކަަމަށެވެ.

ހުސްނުއްސުއޫދު ވިދާޅުވީ މީހަކާ ދޭތެރޭ ހިތްހަމަ ނުޖެހޭ އިރަށް ގާނޫނު އަސާސީ ބަދަލުކޮށްގެން ނުވާނެ ކަމަށާއި އެއީ ގާނޫނު އަސާސީ ނަގަހައްޓަން ކުރި ހުވަޔާއި ހިލާފް ކަމެއް ކަމަށެވެ.

ސުއޫދުގެ އިތުރުން ޖޭޕީގެ ނައިބް ލީޑަރު ހުސައިން ރަޝީދު ވެސް ވަނީ އެ ދެ ޕާޓީގެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ.

ހުސައިން ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީގެ އިތުރުން ވެރިކަންކުރާ ޕީޕީއެމްގެ ސިޔަސީ ފަލްސަފާގެ ތަފާތެއް މިއަދަކު ނެތް ކަމަށެވެ. އަދި ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަަށް އެމްޑީޕީ އާއި ޖޭޕީން ތާއިދުކުރުމަށް ނިންމި ނިންމުމަކީ "އަނިޔާވެރިކަން ނިންމަން" ނިކުތް އާންމު މީހުންނަށް ކުރި މަލާމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް