އަލީ ވަހީދާއި އަމީން އަދި ސޮބާހު ލަންޑަންގައި

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްގެ އިތުރުން އެ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދު ތިއްބެވީ އިނގިރޭސި ވިލާތުގެ ލަންޑަންގައި ކަމަށް އެ ބޭފުޅުން ވިދާޅުވެ...

24 Jun 2015 | 07:00

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްގެ އިތުރުން އެ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދު ތިއްބެވީ އިނގިރޭސި ވިލާތުގެ ލަންޑަންގައި ކަމަށް އެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންގޮސްފާނެތީ ރާއްޖެ އިން ބޭރަށް ވަޑައިގަތް މި ތިން ބޭފުޅުން އެ ކަން ހާމަ ކުރައްވާފައިވަނީ އަލީ ވަހީދާއި އަމީން ކުރެއްވި ޓުވީޓު ތަކެއްގައި އެވެ. އެ ބޭފުޅުންގެ ޓުވީޓުތަކުގައި ވަނީ މި ދަތުރުގައި އެ ގައުމުގެ ކޮންޒަވޭޓިވް ޕާޓީގެ އިސްވެރިންނާއި ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަމީން ވިދާޅުވީ އެ ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ބައިނަލްއަގުވާމީ ފަރާތްތަކާ އެކު ހިއްސާކުރައްވަމުން ގެންދަވާ ކަަމަށެވެ. އެ ބޭފުޅުން ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކޮންޒަވޭޓިވް ޕާޓީގެ އިސް ބޭފުޅުންނާއި ޕާލިމެންޓް މެމްބަރުންގެ އިތުރުން ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ.

ރާއްޖޭ ސިޔާސީ ހާލަތާ ގުޅޭގޮތުން ބޭއްވި އެ ބައްދަލުވުންތަކަކީ ކާމިޔާބު ބައްދަލުވުންތަކެއް ކަމަށާއި މައްސަލަތައް ހައްލުކުރަން ކޮންޒަވޭޓިވް ޕާޓީގެ އެހީތެރިކަން ލިބޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަމީން އާއި ސޮބާހް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ މެއި އެކެއްގެ މުޒާހަރާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނިކޮށެވެ. އެ ދައުވާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ޝެޑިއުލްކުރި ނަމަވެސް ދެ ބޭފުޅުން ރާއްޖޭގައި ނޫޅުއްވާތީ ދައުވާ ކުރިއަކަށް ނުގެންދެވުނެވެ.

މުޒާހަރާއާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން ފުލުހުން އެދިފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް