ރައީސުލްޖުމްހޫރިއްޔާ އުފެއްދުންތެރިކަމުގެ މަޢުރަޒު އިފްތިތާހްކޮށްދެއްވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. އެކަމަށްޓަކައި ރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެމ...

24 May 2025 | 05:44

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

އެކަމަށްޓަކައި ރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޢުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ، އެ މަޢުރަޒުގެ ބައިވެރިންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އެ މަޢުރަޒުން ދިވެހިވަންތަ، ޘަޤާފީ އުފެއްދުންތަކުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދެއެވެ.

މިއީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު މަޢުރަޒެވެ. "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މަޢުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

މަޢުރަޒު ހުޅުވުން ފާހަގަކުރުމަށް، ހަވާއެރުވުމުގެ ހަރަކާތްތައްވެސް ރޭގައި ކުރިއަށްގެންގޮސްފައިވެއެވެ. މި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު، ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މަޢުރަޒު ކުރިއަށްގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް