މިދިޔަ އަންގާރަ ދުވަހު ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ސިންގަޕޯރ އެއާލައިންސްގެ ފްލައިޓެއް ޓާބިއުލެންސެއްގައި ޖެހި ވައިގެތެރޭގައި ހިނގި ހާދިސާގައި އަނިޔާވި ފަސިންޖަރުންގެ ތެރެއިން 20 މީހަކަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އެ ފަރާތްތަކަށް ފަރުވާދެމުން އަންނަ ބެންކޮކް ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުގެ ޑިރެކްޓަރަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި 20 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެ ޕޭޝަންޓުންގެ ކަންކަން އަންނަނީ ގާތުން މޮނީޓަރ ކުރަމުންނެވެ. އެހެންނަމަވެސް ހާލު ވަރަށް ދެރަ މީހުން އޭގެތެރޭގައި ހިމެނޭއިރު އިތުރު ބަޔަކު ދުނިޔެ ދޫކުރުމަކީ އެކަށީގެންވާކަމެއްކަމަށް އަންދާޒާކޮށްފައިވެއެވެ.
އޭނާއާއި ހަވާލާދީ ބުނެފައިވަނީ އެ ހޮސްޕިޓަލަށް ގެންދެވުނު 40 ފަސިންޖަރުންގެ ތެރެއިން 22 ފަސިންޖަރަކު މައިބަދައިގެ އޮޕަރޭޝަން ކުރަން ޖެހުނެވެ. ހަ މީހަކު ސިކުނޑީގެ އޮޕަރޭޝަން ކުރަން ޖެހުނެވެ. އުމުރުން އެންމެ ދުވަސްވީ ޕޭޝަންޓުގެ އުމުރަކީ 83 އަހަރުކަމާއި އެންމެ ހަގު ޕޭޝަންޓުގެ އުމުރަކީ އެންމެ ދެ އަހަރު ކަމުގައިވެސް ބުނެފައިވެއެވެ.
ސިންގަޕޯރ އެއާލައިންގެ SQ321 ކުއްލި އަދި ބާރުގަދަ ޓާބިއުލަންސެއްގައި ޖެހުނީ ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި މަގުމަތީގައި މިޔަންމާގެ މަތިންނެވެ. އޭރު ފްލައިޓުގައި 140 އަށްވުރެ ގިނަ ފަސިންޖަރުން ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް