އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ހައްޖު މޫސުމަށް ކައުބަތުﷲ ގެފުޅުގެ އުރަކޮޅު "ކިސްވާ" އުފުލާލައިފިއެވެ.
ބުދަ ދުވަހު އުރަކޮޅު އުފުލާލާފައިވަނީ އެހެން އަހަރުތަކެކޭޥެސް އެއް ފަދައިން ތިން މީޓަރަށެވެ. ތިން މީޓަރަކީ ގާތްގަނޑަކަށް 10 ފޫޓެވެ.
ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފައިވާގޮތުގައި އާއްމު އުސޫލުތަކެކޭ އެއްފަދައިން ކިސްވާ އުފުލާލުމަށްފަހު ގެފުޅުގެ ފެންނަން އިންނާނެ ބައި ހުތު ފޮތީގެ ލޭޔަރަކުން ވަނީ ކަވަރުކޮށްފައެވެ. އެއީ ފުޅާމިނުގައި 2.5 މީޓަރު ފުޅާ އަދި ވަށައިގެން ދިގުމިނުގައި 54 މީޓަރު ހުންނާނެވަރުގެ ހުދު ފޮތި ކަމުގައި ބުނެފައިވެއެވެ.
ކިސްވާ އުފުލާލުމުގެ ހަރަކާތުގައި އެކަމަށް ޚާއްޞަ ޓެކްނިކަލް 36 މުވައްޒަފުންނާއި 10 ކެރޭނެއް ބޭނުންކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފައިވާގޮތުގައި ކިސްވާ އުފުލާލުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މަރުހަލާތަކަކަށް ބަހާލެވިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ކިސްވާގެ ތިރިން ގެފުޅުގެ ވަށައިގެން ހަރުކޮށްފައިހުންނަ އިސްކުރުތައް ނެއްޓުމާއި ކިސްވާގެ ހަތަރު ކަން ވަކިން ވަކި ކުރުމާއި ތިރިން ހަރުކޮށްފައިވާ ވާތައް މޮހާލައި ފޮތި ރޯލެއް އޮޅާލާހެން ވަކި ތަރުތީބަކުން އޮޅާލުމާއި އަދި އެއަށްފަހު ހުދު ފޮތީގެ ބައި ލުމެވެ.
މިއީ ކިސްވާ ހައްޖުމޫސުމާ ދިމާކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. މިކަން ކުރުމުގެ އެއް ބޭނުމަކީ ގެފުޅުގެ އުރަކޮޅު ހަޑިވުމުގެ ފުރުސަތު ކުޑަކުރުމެވެ.
ހައްޖު އަޅުކަމަކީ ދުނިޔޭގައިވެސް އެންމެ ގިނަ އިންސާނުން އެއްވާ އެއްވުމެވެ. ހައްޖުގެ އަޅުކަމެއްގައި އެންމެ ގިނަ އަދަދަކަށް މުސްލިމުން ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ އަހަރު 3.6 މިލިޔަން މުސްލިމުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް