ޓެކްސީތަކުގައި ކެެމެރާ ހަރުކޮށް ޚިދުމަތް ދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭ ގޮތަށް ލާޒިމުކުރާ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރާގޮތަށް ކަނޑައަޅާ ރާއްޖޭގައި ޓެކްސީ ކުރުމުގެ ގަވާއިދު އާއްމުކޮށް 2022ގައި އެކުލަވާލި ޤަވާއިދުގައިވާ ގޮތުން ޓެކްސީގެ ޚިދުމަތްދޭ ކޮންމެ ވަގުތެއްގައި ވެސް އެ ކެމެރާތަކުން ރެކޯޑް ކުރާ މަންޒަރުތައް މަދުވެގެން ހަފުތާއެއް ވަންދެން ރައްކާކޮށްފައި ހުންނަން ޖެހޭނެއެވެ.
އެ ޑާޓާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އެ ޓެކްސީއެއް ރަޖިސްޓްރީކޮށްފައިވާ ޓެކްސީ ސެންޓަރަކުން ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.
އަދި ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި ޑްރައިވަރާއި ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް ޚިދުމަތް ދޭ ހުރިހާ ވަގުތު ތަކެއްގައި ކެމެރާއިން މަންޒަރުތައް ރެކޯޑުކުރަން ޖެހެއެވެ.
ހަމައެހެންމެ ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި ވަކި މިންގަނޑުތަކެއް ހުންނަން ޖެހޭނެ ކަމަށާއި ޤަަވާއިދުގައި ބުނާގޮތުން ޓެކްސީގައި ދަތުރު ކުރާ ފަރާތްތަކަށް މަންޒަރުތައް ރެކޯޑް ކުރަމުންދާކަން ޓެކްސީ ޑްރައިވަރު އަންގަން ޖެހެއެވެ. އަދި ޓެކްސީގެ ބިއްލޫރިތައް ކަޅުކުރެވޭނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަށް ބަލާއިރު އެތެރޭގައި ތިބޭ ފަސިންޖަރުން ފެންނަން ހުންނަ ވަރަށް ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި ޤަވާއިދުގައިވާ ގޮތުން ޓެކްސީތަކަށް އަރުވާ ފޮރޮޅުލީ ގޮނޑިފަދަ ތަކެޓި ޑިކީއަށް ލީކަމުގައި ވިޔަސް އިތުރަށް އަގު ނެގުމަކީ މަނާކަމެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެހެނިހެން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ޓެކްސީއަށް އަރާ ފޭބުމުގައްޔާއި ލަގެޖް ފަދަ ތަކެތި ޑިކީއަށް ލުމަށް ޓެކްސީ ޑްރައިވަރު އެހީތެރެވޭން ޖެހޭނެ ކަމަށް މި ޤަވާއިދުގައި ބުނެފައި ވެއެވެ.
މިގޮތުން މިޤަވާއިދުތަކާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް