ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދު، ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަށް ހުރަސްއަޅުއްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފިޝަރީޒް މިނިސްޓަރަށް ލިޔުމުން ޖަވާބު ހޯދަން ކުރި ސުވާލުގެ ޖަވާބު ފޮނުއްވި ގޮތުން ހިތްޕުޅުހަމަނުޖެހިގެންނެވެ.
ތިން ސުވާލެއް ކުރެއްވި އިރު އެ ސުވާލުތައް ކުރައްވާފައިވަނީ މިފްކޯ މެދުވެރިކޮށް ރާއްޖޭން ތައިލެންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވެލްއާ ގުޅޭގޮތުން ނެވެ. ފިޝަރީޒް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ އެ މައުލޫމާތަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަމުން ގެންދާ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ސާފުކުރެވޭނީ މިފްކޯއިން ކަމަށެވެ.
އެ ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވަޒީރެއްގެ ޒިންމާތަކަކީ އެ ވަޒީރަކު އަމިއްލަ އަށް ކަނޑައަޅާ ޒިންމާތަކެއް ނޫން ކަމަށެވެ. އެހެންވެ މިނިސްޓަރާއި ހަވާލުކޮށްފައިވާ ޒިންމާއަކީ ކޮބައިކަން އެމަނިކުފާނު ބައްލަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިނިސްޓްރީތަކުން ކުރަން ޖެހޭ ކަންކަން ކަނޑައަޅާނީ ރައްޔިތންގެ މަޖިލީހުން ކަމަށެވެ. އެކަންކަން ކަނޑައަޅުއްވަނީ މިނިސްޓަރު ނޫން ކަމަށް ވިދާޅުވި އެވެ.
ތަފާސްހިސާބުތައް ބެލެހެއްޓުން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނޭ ނަމަ، ފިޝަރީޒް މިނިސްޓަރަށް އެ ހުންނެވެނީ ނުބައި މަގެއްގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަދި ރާއްޖޭން ބޭރުކުރާ މަހުގެ ރިޖެކްޓުވާ މިންވަރުގެ ތަފާސްހިސާބަކީ އިލްމީ އަދި ދިރާސީ ގޮތުން ވެސް ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަމުން ގެންދަންޖެހޭނެ މައުލޫމާތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެންމެ ފަހުން ނަޝީދު ވަނީ މެމްބަރު އެ ސުވާލު ކުރައްވަން ޖެހުނު ސަބަބު ކަމަށް ވިދާޅުވެ ސަބަބުވެސް ހާމަކޮށްދެއްވާފައި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރިޖެކްޓުވާ މަހަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަމެއްގެ ގޮތުގައި މަޖިލީހުން މީގެ ކުރިން ބެލި ބެލުމުން ސާފުވެފައިވާ ކަމަށެވެ. މިގޮތުން، ރިޖެކްޓުވީ ކަމަށް ބުނެ އެކަމުގެ ނާޖާއިޒު ފައިދާ މީގެ ކުރިން ވެސް ނަގާފައިވާކަން ހާމަވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް