ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ގ. ކެނެރީގޭ ކައިރީގައި ބޮން ގޮއްވާލުމުގެ ކުރިން އެ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ހަސަން ވިދާޅުވީ2021 ވަނަ އަހަރުގެ މެއި ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ241 ކޮމިޓީއަށް ގިނަ މައުލޫމާތުތަކެއް ލިބިފައި އެބަހުރި ކަމަށެވެ.
އޭގެ ތެރޭގައި ކެނެރީ ގޭ ކައިރީގައި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދު އަވާހަރަ ކޮށްލަން ރާވަމުންދާކަން ރައީސް ސޯލިހަށް ހަމަލާ ދިނުމުގެ ކުރިން އަންގަވާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި މޭރީބްރައުން އާއި މ. ޔާގޫތުގޭ ކައިރީގައި ބޮން ހަރުކޮށްގެން ނަޝީދު އަވަހާރަކޮށްލަން އުޅުނުކަންވެސް ދުރާލާ ރައީސް ސޯލިހަށް އެންގެވި ކަމަށް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާތައް ދޭން ރޭވީ ރައީސް ސޯލިހަށް އެނގިވަޑައިގެންނެވެ. އަދި އެކަން ހުއްޓުވަން މަސައްކަތްފުޅު ކުރައްވާފައި ނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.
މި މައުލޫމާތުތަކަކީ މުޅިން އާ ވާހަކަތަކެއް ކަމަށް މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވުމުން ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ އެއީ ތެދު ވާހަކަތަކެއްކަން ޔަގީންކޮށްދެއްވި ދާނެ ކަމަށާއި އެކަމުގެ ހެކި އެބަ ހުރި ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް