ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު ބަތަލުންގެ ތެރޭގައި ހިމެނޭ ކާތިކް އާރްޔަން، އެ އިންޑަސްޓްރީން ރައްޓެހިވި ބަތަލާ އާއި ގުޅޭ ވާހަކަތަކެއް ދައްކައިފި އެވެ.
ކާތިކްގެ ލޯބީގެ ވާހަކަތަކަކީ ވަރަށް ސިއްރު ވާހަކަތަކެކެވެ. ބައެއް ބަތަލާއިންނާއި އޭނާ އާއި ގުޅުވައި ލޯބީގެ ގުޅުން އޮންނަމަށް ވާހަކަ ދެކެވުނަސް ކާތިކް އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.
އެފަދަ މީހަކު ކުއްލިއަކަށް އޭނާ ބޮލީވުޑްގައި ރައްޓެހިވި އަންހެން މީހާގެ ވާހަކަ ދެއްކުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.
މިހާރު ސިނަމާތަކުގައި އަޅުވާފައިވާ ކާތިކްގެ ފިލްމު "ބޫލް ބުލައިޔާ 2" ގެ ޕްރޮމޯޝަންގެ ތެރެއިން ދިން އިންޓަވިއުއެއްގައި ކާތިކް ބުނީ ބޮލީވުޑްގެ އަންހެން ތަރިއަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާނެ ކަމަށެވެ. އެކަމަކު އެއީ ކޮން އިރަކު ހިންގި ގުޅުމެއް ކަމާއި، ކާކުކަން ނުބުނާނެ ކަމަށް ކާތިކް ބުންޏެވެ.
ކާތިކް ބުނީ ކުޅެލާ ފިލްމެއްގެ އަންހެން ބަތަލާ އަކާއި އެކު ފިލްމު ރިލީޒް ކުރާ ފަހުން ކެއުމަކަށް ގޮސްފި ނަމަ އެވަނީ ދެމީހުންގެ ދެމެދުގައި ގުޅުމެއް އޮންނަނީ ކަމަށެވެ. އެކަމަކު އޭނާ އެގޮތަށް ކެއުމަށްދާ އެންމެންނަކީ އެކުވެރިކަމުގެ އިތުރުން އެއްވެސް ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށެވެ.
ކާތިކް ބޮލީވުޑުން ލޯބިވެރިޔަކު ގެންގުޅުނު ކަމަށް އެއްބަސްވުމާއި އެކު މިހާރު އޭނާގެ ސަޕޯޓަރުންނާއި ނޫސްވެރިން ދަނީ އެއީ ކާކުތޯ ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ކާތިކާއި ގުޅުވައި ކީ ބަތަލާއިންގެ ތެރޭގައި ސާރާ އަލީ ހާން، ކިއަރާ އަދުވާނީ ހިމެނެ އެވެ.
ކާތިކްގެ "ބޫލް ބުލައިޔާ 2" ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ފިލްމު ދަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް