ތޫފާން ޔާސްގެ ނުރައްކާތެރިކަން އިތުރުވެ އިންޑިއާގެ އައްސޭރި ސަރަހައްދުތަކުން މީހުން ހުސް ކުރުމުގެ މަސައްކަތް އެ ޤައުމުގެ އިދާރާތަކުން ފަށައިފިއެވެ.
ހޯމަ ދުވަހު އެތައްހާސް ބަޔަކު އެ ސަރަހައްދުން ހުސް ކުރަން ފަށާފައި ވަނީ، އިންޑިއާގެ އިރުމަތީ އައްސޭރިއަށް ތޫފާން ޔާސްގެ އަސަރު ކުރަން ފެށުމާއި އެކުގައެވެ.
ތޫފާން ޔާސްއަކީ މި ސަރަހައްދަަށް ހަފްތާއެއްހާ ދުވަސް ތެރޭގައި އަރާފައިވާ ދެވަނަ ތޫފާނެވެ.އަދި މި ތޫފާނުގެ ސަބަބުން ގަޑިއަކު 110 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، މި ތޫފާނުގެ ބާރު އިތުރަށް ގަދަވެގެން ދާނެ ކަމަށް ލަފާ ކުރާ ކަމަށް އިންޑިއާގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ.
ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ މި ތޫފާން ބުދަ ދުވަހާއި ހަަމައަށް އިންޑިއާގެ އޮޑީޝާއާއި ހުޅަނގު ބަންގާޅު ގުޅޭ ބޯޑަރާއި ހަަމައަށް ދަތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، މި ކަމުގެ ސަބަބުން 13 ފޫޓުގެ އުސްމިނަށް ކަނޑުގައި ބާނި އުފެދި، ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށްވެސް އިންޑިއާގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރެއެވެ.
ވެސްޓް ބެންގޯލް ސްޓޭޓްގެ މިނިސްޓަރެއް ކަމަށްވާ ބަންކިމް ހަޒްރާ ވިދާޅުވީ، މި ތޫފާނުގެ ސަބަބުން އެއްވެސް ފުރާނައެއް ނުގެއްލޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.މި ހިސާބުގައި އޮންނަ ބިން ތިރި ރަށަކުން މިހާރުވެސް 1500 މީހުން ބާލާ، ސަލާމަތީ ސަރަޙައްދުތަކަށް ގެންގޮސްފައިވެއެވެ.މާދަމާއާއި ހަަމައަށް، އޮޑީޝާ ސަރަޙައްދުން އެއްކޮށް މީހުން ހުސްކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި، މީގެ ތެރޭގައި ހިމެނޭ 6500 މާބަނޑު އަންހެނުން ހަސްފަތާލުތަކަށް ބަދަލު ކުރާނެ ކަމަށްވެސް އިދާރާތަކުން މައުލޫމާތު ދެއެވެ.
އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޯންސް ފޯރސްއިން، މީހުން ސަލާމަތް ކުރުމާއި އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަަކައި، އަސްކަރިއްޔާ ހިމެނޭހެން، މިހާރު ވަނީ 100 ޓީމެއް އެ ސަރަޙައްދަށް ފޮނުވާފައެވެ.
ބުދަ ދުވަހާއި ހަމައަށް އޮޑީޝާ އަދި ހުޅަނގު ބަންގާޅުގައި މަސް ބޭނުމާއި، ކަނޑުމަތީގެ މަސައްކަތްތައް ކުރުން ވަނީ މަނާ ކޮށްފައެވެ.މިއާއިއެކު،އިރުމަތީ އައްސޭރީގައި ހުންނަ ބަނދަރުތަކުގެ ޙަރަކާތްތައްެވެސް މަދު ކުރުމަށް އިދާރާތަކުން ވަނީ އަންގާފައެވެ.
ފާއިތުވެ ދިޔަ ހަފްތާގައި، އިންޑިއާގެ ހުޅަނގު އައްސޭރިއަށް އެރި ތޫފާން ޓައުޓޭގެ ސަބަބުން އެ ސަރަޙައްދުން 150 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެއީ މި ވޭތުވެދިޔަ 20 އަހަރު ތެރޭގައިވެސް އިންޑިއާއަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާނެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް