މާދަމާއިން ފެށިގެން، ހުޅުމާލޭގައި ރައްޔިތުން ދިރިއުޅޭ ފަންގިފިލާ އާއި ހަމައަށް ގޭސްފުޅި ޑެލިވަރީ ކުރަން ފަށނެ ކަމަށެވެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއި ވިދާޅުވެއްޖެއެވެ
ޝުޖާއު ވިދާޅުވީ، ހުޅުމާލޭ ރައްޔިތުންނަށް ދިމވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މައުލޫމާތު އޮޅުން ފިލުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހިޔާލު ބަދަލުކުރުމުގެ ތެރެއިން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަކުދިންގެ އާއިލާތަކުގެ އިތުރުން ހުޅުމާލޭގެ ގިނަ ރައްޔިތުން އެދުނީ ގޭސްފުޅި ފުލެޓް ތަކާއި އާންމުންގެ އިމާރާތް ތަކުގެ މަތީ ފަންގިފިލާ އާއި ހަމަޔާށް ޑެލިވަރީ ކުރެވޭނެ ގޮތް ވުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މި އެދުން ފުއްދޭނެ ގޮތްތަކެއް އޮތްތޯ ބަލަން މޯލްޑިވް ގޭސްގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރާއި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މަޝްވަރާތަކުން އަލި މަގު ފެނިފައިވާ ކަމަށާއި މާދަމާއިން ފެށިގެން ގޭސްފުޅު ރައްޔިތުން ދިރިއުޅޭ ފްލޯ ތަކުގެ ބޭރު ދޮރާއި ހަމައަށް ޑެލިވަރީ ކޮށްދޭން ފަށާނެ ކަމުގެ ޔަޤީންކަން މެނޭޖިން ޑިރެކްޓަރު ދެއްވި ކަމަށެވެ.
މީގެ އިތުރުން، ކޮވިޑް ހާލަތުން އަރައިގަނެ އާންމު ހާލަތަށް ދިއުމުން ގޭސްފުޅި ގޭތެރެއަށް ވައްދައި ގުޅައި ދިނުމުގެ ހިދުމަތްވެސް ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން މޯލްޑިވްގޭސްއިން ދެއްވިކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކުނީގެ މައްސަލަ އަކީވެސް ހުޅުމާލެ އަަށް ދިމާވެފައިވާ ބޮޑު މައްސަލަ އެއްކަން ފާހަގަ ކުރަމުން، ވަކިން ހާއްސަކޮށް ލޮކްޑައުން އާއި ގުޅިގެން ގޭތެރޭގައި އުފެދޭ ކުނީގެ ނިސްބަތް އިތުރުވެފައިވާކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ.
ހުޅުމާލޭގެ ނޭބަހޫޑް ތަކުގެ އެކިއެކި ސަރަހައްދު ތަކުގައި ފުނިފުންޏަށް ހުރި ކުނިތައް ނެގުމުގެ މަސައަކަތް އެޗްޑީސީގެ މުނިސިޕަލް ޑިޕާރޓްމަންޓުގައި އެދިގެން ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ފާހަގަކޮށް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ރައްޔިތުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިއަދު ހުޅުމާލެ 1-7 ފުލެޓާއި ދެމެދު ހުރި ކުނި ފުނިތައްވަނީ ނަގާފައެވެ. ޖުމްލަ 06 ޓަނު ކުނި އުކިފައިވާކަން ފާހަގަކުރައްވައި، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ ، ކައުންސިލާއި ރައްޔިތުން ވަރަށް ބޮޑަށް ގުޅި ލާމެހިގެން ކަމުގައި ދެކޭކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް