ވައްކަމެއްގައި ބައިވެރިވި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފު މަސައްކަތުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައި ވާކަމަށް އެ ކުންފުނިން ބުނެއފިއެވެ.
ވެމްކޯ އިން ބުނެފައި ވަނީ، މިއަދު މީސްމީޑިޔާގައި ދައުރުވަމުން ދިޔަ ފޮޓޯގައި ވާ ފަރާތަކީ އެ ކޯޕަރޭޝަންގެ ވަޒީފާއާ ވަގުތީގޮތުން ގުޅިފައިވާ ކޮންޓްރެކްޓް ފަރާތެއްްް ކަމަށެވެ.
އަދި މި ހާދިސާއަކީ އެ ކޯޕަރޭޝަނުން އެއްވެސް ގޮތަކަށް ބަލައި ނުގަންނަ، އަދި ނުހަނު ކަންބޮޑުވާ މައްސަލައެއްކަމަށް ވެމްކޯގެ ބަޔާނުގައި ވެއެވެ. އަދި މި މައްސަލައިގައި ޝާމިލްވާ މުވައްޒަފާއި ދޭތެރޭ އެ ކޯޕަރޭޝަނުން ވަނީ ވަގުތުން ފިޔަވަޅު އަޅައި މަސައްކަތުގެ މަސްއޫލިއްޔަތުން ވެސް އެކަހެރިކޮށްފައެވެ.
އަދި މި މައްސަލައިގެ ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން ދާކަމަށާއި މިފަދަ އެއްވެސް މައްސަލައެއްގައި ޝާމިލުވާ އެ ކޯޕަރޭޝަންގެ ކޮންމެ މުވައްޒަފަކާއިމެދު ހަރުކަށި ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިފަދަ ހައްސާސް ދަނޑިވަޅެއްގައި ދިވެހިރައްޔިތުންނަށް އެންމެ ބޭނުންތެރި އަދި މުހިންމު ޒަރޫރީ ހިދުމަތެއް ދިނުމުގައި ދެމިތިބި ވެމްކޯގެ ހީވާގި މުވައްޒަފުންނަށް، ރައްޔިތުން ކުރައްވާ އިތުބާރަށް ވެމްކޯއިން ވަނީ ފައްފަށުން ޝުކުރު އަދާކޮށްފައެވެ.
މިއަދު މީސްމީޑިޔާގައި ދައުރުވި ވީޑިއޯ އަކީީީ، ވެމްކޯގެ ޔުނިފޯމްގައި، ވެމްކޯގެ ކާޑުވެސް އަޅައިގެން ހުރި މީހަކު ވައްކަން ކުރުމުން، އެކަމުގެ ނުރުހުން ފާޅުކޮށް މީހަކު ޕޯސްޓްކޮށްފައިވާ ވީޑިއޯއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް