ގއ. ކޮނޑޭ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓި ވޯޓު ފޮށިތައް އަލުން ގުނުމުންވެސް ނަތީޖާ އަށް ބަދަލެއް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހުނީ އެ ދާއިރާގެ ވޯޓު ބާތިލްކޮށް އަލުން އިންތިހާބު ބާއްވައިދިނުމަށް ނުވަތަ ވޯޓު އަލުން ގުނައި ދިނުމަށް އެދި އެރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރެއްވި އަމިއްލަ ކެންޑިޑޭޓު ޝުއައިބު މުހައްމަދު ދީދީގެ ހައި ކޯޓުގައި އެދުމުންނެވެ. ހައި ކޯޓުން ނިންމާފައިވަނީ ރައީސް ހުވާކުރުން ލަސްކޮށް އެ ވޯޓު ފޮށިތައް އަލުން ގުނުމަށެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައި ކޯޓުގެ ހުކުމާއި އެއްގޮތަށް ކޮނޑޭ ކައުންސިލް އިންތިހާބުގައި ވޯޓުލީ ތިން ފޮށީގެ ވޯޓު އަލުން ގުނާފައިވާ ކަމަށެވެ.
އެކަމަކު އީސީން ކުރިން އިއުލާނު ކުރި ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލްހަކީމަށް ލިބިވަޑައިގެންނެވީ 130 ވޯޓެވެ. ޝުއައިބުއަށް ލިބިވަޑައިގެންނެވީ 128 ވޯޓެވެ.
ޝުއައިބުގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ކޮނޑޭގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގެ ވެރިޔާ އަމަލުކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް