ކޯވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓިގައި ފަރުވާ ދެމުން ދިޔަ ފަސް ވަނަ މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ މިއަދު މެންދުރު ފަހު 2:25 ގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 135 ވަނަ މީހާ އެވެ. އަދި މިއަދު ކޯވިޑްގައި މަރުވި ހަތް ވަނަ މީހާ އެވެ.
މިއަދު މިހާތަނަށް ކޯވިޑްޖެހިގެން މަރުވެފައިވަނީ އުމުރުން85 އަހަރާއި 58 އަހަރުގެ މީހަކާއި 81 އަހަރުގެ މީހެކެވެ. ދެން މަރުވެފައިވަނީ އުމުރުން 87 އަހަރުގެ މީހަކާއި އުމުރުން 77 އަހަރުގެ މީހަކާއި 93 އަހަރުގެ މީހެކެވެ.
އިއްޔެ ކޯވިޑް ޖެހިގެން ހަ މީހަކު މަރުވެފައި އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ. އަނެއް މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް