ޝެއިހުންނާ އިމްރާން ގުޅުން ބާއްވާތީ އެމްޑީޕީ ބައެއް މެމްބަރުންގެ ކަންބޮޑުވުން!

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ "ލާދިނީ" މީހެއް ކަމަށް ބުނާ ރާއްޖޭގެ ޝެއިހުންނާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގުޅުން ބާއްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް އިއްޒަތްތެރި މެމްބަރުނ...

24 May 2021 | 10:04

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ "ލާދިނީ" މީހެއް ކަމަށް ބުނާ ރާއްޖޭގެ ޝެއިހުންނާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގުޅުން ބާއްވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް އިއްޒަތްތެރި މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅުންނާއެކު އިމްރާން ގާތް ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދިި ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއިން ވެފައިއިވާ ގެއްލުމަށް ފަރުވާ ހޯދަމުންދާ ދަނޑިވަޅުގައިވެސް އެމަނިކުފާނަށް ނިސްބަތްކޮށް ފުރައްސާރައިގެ ބަސްތައް ރައްދުކުރަމުންދާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަން އިންތި ފާހަގަކުރެއްވިއެވެ.

ރައްދުގައި މިއަދުގެ ޖަލްސާއަށް ހާޒިރުވި އިމްރާން ވިދާޅުވީ ރައީސް ނަޝީދަށް ދީފައިވާ ހަމަލާއަކީ އިސްލާމްދީނުގެ އެއްވެސް ހަމައަކުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ތާއީދުކޮށް ހިތްވަރުދޭ ފަރާތަކަށްވާ ނަމަ އެއީ ގާނޫނީ ގޮތުން އަދަބު ލިބެންޖެހޭނެ މީހެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ތާއީދުކުރައްވާ އެއްވެސް ފަރާތެއް ބަލައިނުގަންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެފަރާތްތަކާ ގުޅުމެއް ވެސް ނުބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.

"ޕާޓީގެ ތެރެއިން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ދެވުނު މި ހަމަލާއަށް ތާއީދު ކުރާ އެއްވެސް ފަރާތަކަށް އަޅުގަނޑުގެ ތާއީދެއް، ސިންޕަތީއެއް ނޯންނާނެ." އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މިވާހަކަތަކަށްފަހު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިމްރާންގެ ފޮޓޯގެ ވާހަަކަ ދައްކަވާފައެވެ. ނިމުނު ރޯދަ މަހުގެ ތެރޭގައި، ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ ދީނީ ބައެއް އިލްމުވެރިންނާއި އެކު އިމްރާން ފަރިއްކުޅުވަން އިންނަވާ މަންޒަރުއެވެ. އީވާ ވިދާޅުވީ އެ ފޮޓޯއިން ފެންނަ ޝެއިހުންނަކީ ފާޅުގައި ރައީސް ނަޝީދަށް "ލާދިނީ" ގޮވަމުން ދާ ބޭފުޅުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް