ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (ޑަބްލިޔުއައިވީ)ގެ 3 ރިސާޗަރުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަސްފަތާލުގައި އެޑްމިޓުކޮށްގެން ފަރުވާ ހޯދަން ޖެހުނު ކަމަށް،ކުރިން ހާމަ ކޮށްފައި ނުވާ އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓަކާއި ހަވާލާދީ ވޯލް ސްޓްރީޓް ޖާރނަލްއިން ރިޕޯޓު ކޮށްފިއެވެ.
މި މީހުން ފަރުވާ ހޯދާފައި ވަނީ،ޗައިނާއިން ކޮވިޑު-19 ހާމަ ކުރިތާ ދެތިން މަސް ކުރިން ކަމަށް މި ރިޕޯޓުގައި ވެއެވެ. މި ރިޕޯޓުގައި، ބަލިވި ރީސާޗަރުންގެ އަދަދާއި، މި މީހުން ހަސްފަތާލު ކުރެވުނު މުއްދަތާއި، ބަލީގައި ހޭދަ ކުރި މުއްދަތުގެ އިތުރުން، ހަސްފަތާލަށް ޒިޔާރަތް ކޮށްފައި ވަނީ ކިތައް ފަހަރުގެ މަތިންކަން ސާފުކޮށް ފެންނަ ހުރި އިރު، މީގެ ސަބަބުން ކޮވިޑު-19 އަކީ ޗައިނާގެ ލެބޯރެޓަރީއަކުން ދޫވެފައިވާ ވައިރަސްއެއްކަމާއި މެދު ތަހްޤީޤު ކުރަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް މި ރިޕޯޓުގައި ވެއެވެ.
މި ރިޕޯޓު ޝާޢިއުކޮށްފައި ވަނީ، ދުނިޔޭގެ ސިއްޙީ ޖަމިއްޔާ، ޑަބްލިޔުއެޗުއޯއިން ކޮރޯނާ ވައިރަސްގެ އަސްލު ހޯދުމަށް ކުރާ ތަޙްޤީޤުގެ އިތުރު މަރުހަލާތައް ކަނޑައެޅުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅޭ ގޮތުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނެއް ވިދާޅުވީ،އެއްވެސް ނުފޫޒެއް ނެތި، ކޮވިޑުގެ އަސްލާއި ގުޅޭ ގޮތުން ކަމާއި ބެހޭ މާހިރުންގެ ތަޙްޤީޤީ ނިންމުމަކާއި ހަމައަށް އައުމަށް، އެމެރިކާގެ ސަރުކާރުން ޑަބްލިޔުއެޗުއޯއާއި، އެ ޖަމިއްޔާގެ މެންބަރު ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.އަދި މި މަސައްކަތުގައި ވަކި ކޮޅަކަށް ނުޖެހޭނެ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
ވާރލްޑް ސްޓްރީޓް ޖާރނަލްއިން ބުނީ، މި އިންޓެލިޖެންސް ރިޕޯޓުގެ މައުލޫމާތު ލިބިފައިވާ ގިނަ އޮފިޝަލުންނެއް މިކަމާއި ގުޅިގެން އަމިއްލަ ރަޢުޔުތައް ފާޅު ކުރަމުން ގެންދާ ކަމަށާއި، އޭގެ ތެރޭގައި ކުރީގެ އޮފިޝަލުންގެ އިތުރުން މިހާރުގެ ބައެއް އޮފިޝަލުންވެސް ހިމެނޭ ކަމަށެވެ. އެގޮތުން، މި ރިޕޯޓު އިތުރަށް ތަޙްޤީޤްކޮށް، ބާރުދޭ ހެކިތައް ހޯދުން މުހިންމު ކަމަށް،ނަން ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލުވަނީ ބުނެފައެވެ.
އެމެރިކާގެ އިތުުރުން، ނޯރވޭއާއި ކެނެޑާއިންވެސް ވަނީ މި އަހަރުގެ މާރިޗު މަހު، ޑަބްލިޔުއެޗުއޯއިން ކުރިއަށް ގެންދިޔަ ކޯވިޑު-19 އޮރިޖިންސް ސްޓަޑީއާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.އަދި މި ސްޓަޑީ އިތުރަށް ދިރާސާ ކުރުމަށާއި، މި ކަމާއި ގުޅުން ހުރި އެންމެހާ ކަމެއްގައި މި ޤައުމުތައް ބައިވެރި ކުރުމަށްވެސް މި 3 ޤައުމުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ޗާއިނާގެ ފަރާތުން ދެފުށް ފެންނަ ފަދަ އެއްބާރުލުމެއް ހޯދުމަށް އެމެރިކާގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.މިކަމާއި ގުޅިގެން، އެމެރިކާގައި ހުންނަ ޗައިނާގެ އެންބަސީއިން މިހާތަނަށް ބަހެއް ލިބިފައި ނުވާ ކަމަށް ރޮއީޓަރސް އިން ބުނެއެވެ.ނަމަވެސް، ލެބަކުން ލީކުވެގެން ވައިރަސް ފެތުރިފައިވާ ކަމަށް ނުބެލެވޭ ކަމަށް ޑަބްލިޔުއެޗުއޯގެ ޓީމުން ނިންމާފައިވާ ކަމަށް ޗައިނާގެ ފޮރިންގ މިނިސްޓްރީން ވަނީ މި ހަފްތާގެ އާދީއްތަ ދުވަހު ބުނެފައެވެ.
ވާރލްޑް ސްޓްރީޓް ޖަރނަލްއިން މިކަމާއި ގުޅިގެން ސުވާލު ކުރުމުން، ޗައިނާގެ ލެބުން ކޮވިޑު ވައިރަސް ލީކުވި ކަމުގެ ތިޔަރީއަށް ދޭން ޖެހޭ މިންވަރަށް ވުރެ ބޮޑު އަހަންމިއްޔަތެއް އެމެރިކާއިން ދޭ ކަމަށް ޗައިނާއިން ވަނީ ތުހުމަތު ކޮށްފައެވެ.އަދި އެމެރިކާއިން މަސައްކަތް ކުރަނީ ވައިރަސްގެ އަސްލު ހޯދަން ތޯ ނުވަތަ އެހެން ދިމާއަކަށް ސަމާލުކަން އަނބުރާލުމަށްތޯ އަހާ، ޗައިނާއިން ވަނީ ސުވާލު އުފައްދާފައެވެ.
ޓްރަމްޕްގެ ސަރުކާރުން ޗައިނާގެ ލެބަކުން ވައިރަސް އައި ކަމަށް ބުނި ނަމަވެސް، ޗައިނާގެ ސަރުކާރުން އޭރުވެސް ވަނީ މި ތުޙުމަތުތައް ދޮގު ކޮށްފައެވެ.ނަމަވެސް ޗައިނާއިން، ކޮވިޑު 19ގެ އެންމެ ފުރަތަމަ ކޭސްތަކާއި ގުޅޭ ރޯ ޑޭޓާ ނުވަތަ މައުލޫމާތު، ޑަބްލިޔުއެޗުއޯގެ ޓީމާއި ހިއްސާކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. 2020 އަހަރުން ފެށިގެން، ޑަބްލިޔު އެޗުއޯއާއި، މެންބަރު ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަމުން އައި ނަމަވެސް، އަދި މިހާތަނަށް ކޮވިޑު 19 ގެ އަސްލާއި ގުޅޭ ގޮތުން މާ ބޮޑު މައުލޫމާތެެއް ދެނެގަނެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް