ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް އޮންލައިންކޮށް ގެންދިއުމަށް އެދި މެމްބަރު ހައިތަމް އަހުމަދު މަޖިލީހުގެ އިދާރާގައި ސިޓީއަކުން ދައްނަވައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ހައިތަމްގެ ސިޓީގައި ވިދާޅުވީ، ފަހަކަށް އައިސް ކޯވިޑް-19އަށް ޕޮސިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ 159 ސްޓާފުންނާއި 87 އިއްޒަތްތެރި މެމްބަރުން އަދި ބޭރުން އެތައް ބަޔަކު ވަދެ މަސައްކަތުގައި އުޅޭ ތަނެއް ކަމަށާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ވަރަށް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ގައިދުކުރަން ނުބެހެއްޓޭކަން ހައިތަމް ފާހަގަކުރިއެވެ.
ސީޓީގައި ވަނީ ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރުމަށް އެޗްޕީއޭން އަންގާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ހައިތަމް ވިދާޅުވީ މި ކަމަކީ މުވައްޒިފުންނާއި އެ މީހުންގެ އާއިލާތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މިދިޔަ އަހަރު ކޯވިޑްގެ ލޮކްޑައުނާއި ކުރުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އެވެ. އެކަމަކު ފަހުން ޖަލްސާތައް ގައިދުރު ކަމާއި އެކު ކުރިޔަށް ގެންދަން ފެށި ނަމަވެސް ފަހުން އެ ގައިދުރުކަން މަޖިލީހުގެ ޖަލްސާތަކަކުން ނުފެނެ އެވެ.
އަދި މިހާޜު ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން ގޭގައި މަސައްކަތް ކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަަކަށް އެންގުމުން އެގޮތަށް އަމަލު ކުރަމުން ދިޔަނަމަވެސް މަޖިލީހުން އެ އެންގުމަށް އަމަލު ނުކުރާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް