ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މާލޭގައި ދިން ނިރުބަވެރި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ހަތަރު މީހުން ހައްޔަރުކޮށް ހަމަލާގެ ތަހްގީގަށް އެކަށީގެންވާ ކުރިއެރުން ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އިމްރާން ވިދާޅުވީ މިހާތަނަށް އައިރު މި މައްސަލަ ތަހުގީގު ކުރުމަށް ކުރެވިފައިވާ މަސައްކަތުގައި އެދެވިގެންވާ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ތަހުގީގު ކުރިއަށްދާ ސްޕީޑާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެއީ މިހާރު އޮތް ކޮޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނާއި އެނޫން ގޮތްގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެއި ވަނަ ދުވަހު ނަޝީދަށް ހަމަލާ ދިން ފަހުން ނިރުބަވެރިކަމާއި ގުޅުން ހުރި އިތުރު 14 މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވިއެވެ.
މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް