ރާއްޖޭގައި އިންޓެނެޓުގެ އަގު ހެޔޮކުރުން މިއަދު އިއުލާނުކުރި ނަމަވެސް އެކަން މާދަމައަށް ފަސްކޮށްފިއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީއާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ ހެޔޮ އަގު މިއަދު އިއުލާނުކުރަން ކުރިން ނިންމިނަމަވެސް އެކަން މިހާރު މާދަމައަށް ބަދަލުކޮށްފައިވާކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5 ރުފިޔާއަށް ވެއްޓިގެން ދާނެ އެވެ. އެއީ އެވްރެޖުކޮށް މިހާރު އިންޓަނެޓު ހުރި ވަރަށް ވުރެ 20 އިންސައްތަ ހެޔޮ އަގެކެވެ.
އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.
ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކެވެ.
އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ. އިންޓަނެޓުގެ އަގު ހެޔޮ ނުވުމުގެ މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް