ވެއްޓެމުންދަނީ ފުން ވަޅުގަނޑަކަށް، ވެރިން ކަންބޮޑުވެގެން އުޅޭތަނެއް ނުފެނޭ: ޕްރޮފެސަރު އުގައިލް

ރާއްޖޭގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ ފުންވަޅުގަނޑަކަށް ވެއްޓެމުން ދާއިރު ގައުމުގެ ވެރިން ކަންބޮޑުވެގެން އުޅޭތައް ނުފެންނަ ކަމަށް ޕްރޮފެސަރު އުގައިން ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ކޯވިޑް-19ގެ ހާލ...

24 May 2021 | 07:40

ރާއްޖޭގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ ފުންވަޅުގަނޑަކަށް ވެއްޓެމުން ދާއިރު ގައުމުގެ ވެރިން ކަންބޮޑުވެގެން އުޅޭތައް ނުފެންނަ ކަމަށް ޕްރޮފެސަރު އުގައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ނުައްކާތެރި ހާތަލަކަށް ގޮސް ޕޮސިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މި މަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ. ކޮންމެ ދުވަހަކު ކޯވިޑް ޖެހޭ އަދަދު މިހާރު 1،000 އިން މަތީގައި އުޅޭއިރު މިމަހުގެ މިހާތަނަށް 61 މީހުން މަރުވެފައިވެ އެވެ.

ޕްރޮފެސަރު އުގައިލް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ދާއިރު ރާއްޖޭގެ ވެރިން މިކަމާ ކަންބޮޑުވެގެން އުޅޭ ތަން ފެނިވަޑައި ނުގެންނަވާ ކަމަށެވެ. އިތުރު ޕޯސްޓެއްގައި ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވަމުން ވިދާޅުވެފައިވަނީ މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ދިވެހި ގައުމު ވެއްޓެމުންދާތަން ފެންނަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ އެންމެން އެކީގައި އަތުގުޅައިގެން އިހްލާސްތެރިކަމާއި އެކު އުންމީދީ ވިސްނުން ކުރިއަށް ނެރެ އިތުރަށް މަސައްކަތް ކުރަން ފަށަންވީ ވަގުތު ކަމަށެވެ. އަދި އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ނޫންތޯ ސުވާލު ކުރައްވާފައިވެ އެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ހާލަތު އަތުން ދޫވެއްޖެކަން ގަބޫލުކުރަންޖެހޭކަމަށް އަދިޖީއެމްއެޗުގެ އެތެރެ ހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ މިހާރު ކޯވިޑްގެ ހާލަތުގެ ކޮންޓްރޯލް އަތުން ގެއްލިފައިވާ ކަމަށާއި ބަލި ކޮންޓްރޯލް ކުރެވޭނީ ހާލަތުގެ ކޮންޓްރޯލް އަތުން ދޫވެއްޖެ ކަމަށް އަމިއްލައަށް ވީހާވެސް އަވަހަކަށް ގަބޫލުކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ.

ކޯވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާކަން ދައްކައިދޭ އެއް ހެއްކަކީ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމެވެ. ކޯވިޑް ޖެހިގެން މިމަހުގެ މިހާތަނަށް 61 މީހުން މަރުވެފައިވާ އިރު ރާއްޖެއިން 134 މީހުން މިހާތަނަށް ކޯވިޑްގައި މަރުވެފައިވެ އެވެ.

ރާއްޖެއިން ކޯވިޑްގައި މަރުވަމުން ދަނީ ބޮޑެތި ބަލިތަަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް