ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ އަވަސް ފިޔަވަޅުތައް އަޅަން ގޮވާލައި މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖްކުރަން ސަރުކާރުން ބޮޑު ހަރަދެއް ކޮށްފައި ވިޔަސް އެކަމުގެ މަންފާ ރައްޔިތުންނަށް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. ބަލިމަޑުކަން ފެތުރި ރާއްޖޭގެ 70 ރަށް ބަންދުކޮށްފައިވާ ކަަމަށާއި އެބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާތީ އަވަސް ފިޔަވަޅުއަޅަން އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ. ސައީދުގެ ދާއިރާގައި ހިމެނޭ ލ. މާވަށާއި ހިތަދޫގެ ހާލަތު ކުއްލި މައްސަލައިގައި ހާއްސަކޮށް ހިމެނުއްވި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ 23 މެމްބަރެއްގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވި ނަމަަވެސް ވަކިގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.
މައްސަލައިގެ ބަހުސްގައި ސައީދު ވިދާޅުވީ ކުއްލި މައްސަލަައިގައި މާވަށުގެ ނަން ގެންނަން ޖެހުނީ އެ ރަށުގައި މިހާރު 160 އެކްޓިވް ކޭސް އޮތް އިރު ރަށުން ފޮނުވާ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވަމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި އެންމެ ބޮޑަށް ފެތުރޭ ސަބަބަކީ ނަތީޖާ ލިބުން ލަސްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި މިހާރު ވަނީ ވަރަށް ސީރިއަސް ހާލަތަކަށް ގޮސްފަ އެވެ. އެގޮތުން އެބަލީގައި މަރުވާ މީހުންނާއި ހާލުބޮޑުވާ މީހުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ވެސް 1،559 ކޭހެއް އަލަށް ރެކޯޑްކުރެވުނެވެ.
ކޯވިޑް-19 ޖެހިގެން ފަރުވާ ދޭން އެޑްމިޓްކުރި މީހުންގެ އަދަދު މިހާރު 300 އާ ގާތްކުރާ އިރު އެބަލީގައި މަރުވިމީހުންގެ އަދަދު މިހާރު ވަނީ 134 އަށް އަރައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް