ރާއްޖޭގެ ކޯވިޑް-19 ހާލަތު އަތުން ދޫވެއްޖެކަން ގަބޫލުކުރަންޖެހޭކަމަށް އަދިޖީއެމްއެޗުގެ އެތެރެ ހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު ގޯސްވެ، ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަަދަދުވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެކަމަކު ސަރުކާރުން އެކަށީގެންވާ، ފިޔަވަޅު އަޅައި ބައްޔާ ދެކޮޅަށް މަސައްކަތް ނުކުރާކަމަށްބުނެ، ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ކޯވިޑްގެ ހާލަތުގެ ކޮންޓްރޯލް އަތުން ގެއްލިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވޭނީ ހާލަތުގެ ކޮންޓްރޯލް އަތުން ދޫވެއްޖެ ކަމަށް އަމިއްލައަށް ވީހާވެސް އަވަހަކަށް ގަބޫލުކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރަން ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ ދޮޅު އަހަރުވެސް ކޯވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރީ އެއްބައެއްކަން ފާހަގަކުރައްވާ ޑރ ވިދާޅުވީ، އެ ޓީމް މިހާރު ކުރިއަށްވުރެ އެކަމަށް ފަރިތަ ކަމަށެވެ. އެހެންކަމުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
https://twitter.com/Moxamedalu/status/1396639985470623748
ކޯވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާކަން ދައްކައިދޭ އެއް ހެއްކަކީ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމެވެ. ކޯވިޑް ޖެހިގެން މިމަހުގެ މިހާތަނަށް 61 މީހުން މަރުވެފައިވާ އިރު ރާއްޖެއިން 134 މީހުން މިހާތަނަށް ކޯވިޑްގައި މަރުވެފައިވެ އެވެ.
ރާއްޖެއިން ކޯވިޑްގައި މަރުވަމުން ދަނީ ބޮޑެތި ބަލިތަަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 55،924 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 23،464 މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 32،322 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް