އިސްމާޢީލް ފަތުޙީގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް!

ރައްޔިތުން މަޖިލީހުގައި ރައީސްގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ އަދި ކުރީގެ އޮޑިޓަރ ޖެނަރަލް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވުމާއި ގުޅިގެން ރައްޔިތު...

24 May 2021 | 05:28

ރައްޔިތުން މަޖިލީހުގައި ރައީސްގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ އަދި ކުރީގެ އޮޑިޓަރ ޖެނަރަލް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

ޢުމުރުން 80 އަހަރުގެ އިސްމާޢީލް ފަތުޙީ އަވަހާރަވީ، ކޯވިޑް-19ގެ އާލާސްކަންފުޅާ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

އިސްމާޢީލް ފަތުޙީއަކީ ރާއްޖޭގެ އޮޑިޓަރ ޖަނަރަލްގެ މަޤާމުގެ އިތުރުން މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްމާޢީލް ފަތުޙީވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. 16 ޖެނުއަރީ 2008ގައި ސަރުކާރުންވަނީ ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ ޝަރަފު އިސްމާޢީލް ފަތުޙީއަށް އަރުވާފައެވެ.

ރާއްޖޭގައި ފުރަތަމަ އެކައުންޓެންޓް އަދި ކޮމާސް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ދިވެއްސަކީވެސް އިސްމާޢީލް ފަތުޙީއެވެ. އެމަނިކުފާނުވަނީ އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީން 1969 ވަނަ އަހަރު ކޮމާސް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އިސްމާޢީލް ފަތުޙީއަކީ ސަރުކާރުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގައި، ސަރުކާރުން ގެންގުޅުއްވި އުޞޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖްރިބާކާރު ބޭފުޅެކެވެ. 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް އެމަނިކުފާނުވަނީ ކޮށްދެއްވާފައެވެ. އޮޑިޓް އޮފީހުން ވަނީ 2019 އަހަރު އިސްމާޢީލް ފަތުޙ އަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަގެ ލަގަބް އަރުވާފައެވެ.

އިސްމާޢީލް ފަތުޙީ އޮދިޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވަނީ 1993ވަނަ އަހަރުން 2008 އަހަރަށެވެ. އަދި 14 ޑިސެމްބަރ 1981 އިން 15 ޖެނުއަރީ 1989ގެ ނިޔަލަށް އިސްމާޢީލް ފަތުޙީވަނީ ރައްޔިތުން މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ މެމްބަރުކަން ދެ ދައުރެއްގައި އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް