ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ނިރުބަވެރި ހަމަލާގައި ހައްޔަރު ކުރި ހަތަރު މީހުންވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމުލަކޮށް މި މައްސަލައިގެ ތަހުޤީޤު ކުރިއަށްދާ ގޮތާއި، ޙަމަލާގެ މަޤްސަދާ ގުޅޭގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ތަހުޤީޤު ކުރިއަށްދަނީ އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ބާރު މިނުގައި ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
ކޯވިޑް-19ގެ މި ޙާލަތުގައިވެސް ދަތިތައް ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި ހައްޔަރު ކުރެވުނު 4 މީހުންވެސް ޕޮޒިޓިވް ކަމަށެވެ. އަދި ތަހުޤީޤު ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންވެސް ޕޮޒިޓިވްވުމާއެކު، ތަހުޤީޤު އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ބޮންގޮއްވާލި ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު އެވެ. މި 4 މީހުންވެސް މިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް