ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ހުންނަ ކާނުތައް މަދުކުރުމަށް އެމްއެންޑީއެފް އެންގުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ރޭ އެމަސައްކަތް ފަށައިފިއެވެ.
މުލިއާގޭ ކައިރީގައި ހުރި ކާނުތައް މަދުކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާއިރު، މި ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީއާ ގުޅިފައިވާ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ބޭނުމަށް ކާނުތައް މަދުކުރި ނަމަވެސް ހުރިހާ ކާނެއް ނުނަގާނެއެވެ.
މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ދިން ނިރުބަވެރި ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން އެމްއެންޑީއެފް އިން ދަނީ ވަރުގަދަ ކުރަމުންނެވެ.
ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީވެސް އެމަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ހުރި ސައިކަލްތައް ނަގަން އެމްއެންޑީއެފް އިން ސިޓީ ކައުންސިލްގައި އެދުނުތާ އެތައް ދުވަހެއް ފަހުންނެވެ.
ނަމަވެސް މިހާރު އެ މަގު ވަނީ ހުސްކޮށްފައެވެ. އަދި އެ މަގަަކީ ދުއްވާ އެއްޗެހި ނުދުއްވާ މަގަކަށް ހަދާފައިވާއިރު، ވެހިކަލް ޕާކުކުރުން ވަނީ މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް