ވައިރަސް ފެތުރެނީ ގައިދުރުކަމެއް ނެތި، ރަނގަޅަށް މާސްކު ވެސް ނޭޅޭތީ: ޑރ. އަފްޒަލް

ކޯވިޑް-19ގައި ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެ ބަލި ޖެހެމުން އަންނަނީ ގައިދުރުކަމާއި ރައްކާތެރިކަން ނުބެއްހެޓޭތީކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ...

24 May 2021 | 04:33

ކޯވިޑް-19ގައި ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެ ބަލި ޖެހެމުން އަންނަނީ ގައިދުރުކަމާއި ރައްކާތެރިކަން ނުބެއްހެޓޭތީކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. ޑރ. އަފްޒަލް ވިދާޅުވީ މިބަލީގެ ކުރީކޮޅު އެޅި ފިޔަވަޅުތައް ހަނދާން ނައްތާލާ ގިނަބަޔަކު އެކަންކަން ދޫކޮށްލާފައިވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން އައިސް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަަދު 1000 މަތީގައި ހުންނަތާ މިވަނީ މަަހަކާއި ގާތްވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 21 ވަނަދުވަހުގެ ނިޔަލަށް 22،166 މީހުން ރާއްޖެއިން މި ބައްޔަށްވަނީ ޕޮޒިޓިވްވެފައެވެ. މި އަދަދުގެ ތެރެއިން 440 ވުރެ ގިނަ މީހުންނަށް ފަރުވާދޭން ޖެހިފައިވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މިމަހުގެ މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 87 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންކަން އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. އަދި މިބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު މީހުންގެ ތެރެއިން 86 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާކަމަށެވެ. މި ނަމްބަރުތަކުން ދޭހަވަނީ ބަލި ޖެހުނު ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުންކަމެވެ.

ޑރ އަފްޒަލް ވީދާޅުވީ މި ނަމްބަރުތަކުންވެސް ވެކްސިން ޖެހުމުން ބަލިން ކޮންމެވެސް ރައްކާތެރިކަން ލިބޭކަން ކަށަވަރުވާކަމަށެވެ. އިއްޔެ މިބަލީގައި ނިޔާވި ތިން މީހުންނަކީ ދާއިމީ ބައްޔަށް ފަރުވާ ހޯދާ މީހުންކަމަށް ފާހަގަކުރައްވަމުން ޑރ އަފްޒަލް ވިދާޅުވީ އޭގެތެރެއިން 2 މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުންކަމަށެވެ.

ކޯވިޑް-19 ކޭސްތަކުގެ އަދަދު މަދުނުވެ ކޮންމެ ދުވަހަކު އަދަދުތައް އިތުރުވަމުން އަންނަތީ އުފެދޭ ސުވާލަށްވ ޑރ. އަފްޒަލް ވަނީ ޖަވާބުދެއްވާފައެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮންމެ ގޮތަކުން ނަމަވެސް މިބަލި ޖެހޭނީ މި ބަލި ޖެހިފައިވާ މީހެއްގެ ކައިރިން އެ ބައްޔަށް ހުށައެޅިގެންކަމަށެވެ. އަދި މިބަލީގެ ޖަރާސީމަށް ހުށައެޅޭނީ ވަކި ކަންކަމެއް ދޫކޮށްލެވެމުންކަން ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ ބަލީގެ ކިތަންމެ ވަރުގަދަ ވައްތަރެއް އުޅުނު ނަމަވެސް އެބަލި ޖެހިފައިވާ މީހަކާއި ދިމާނުވާ ހިނދަކު ބަލި ފެތުރިގެން ނުދާނެކަމަށެވެ.

" ޖަރާސީމަށް އެކްސްޕޯސް ވާނެ ހާލަތްތަކަކީ އެއްކަމަކީ ރަނގަޅަށް މާސްކު ނާޅާ އުޅުން. މީހުން ގިނަ ތަންތަނގައި ގިނަ ވަގުތުތަކެއްގައި އުޅުން. ގޭތެރޭގައި ބަހައްޓަންޖެހޭ ސާފުތާހިރުކަން ނުބެހެއްޓުން. ކޯވިޑް ފެށިގެން އައިއިރު ކުރިން އަޅުގަޑުމެން ދެއްކި ބައެއް ވާހަކަތައް މިވަނީ ހަނދާން ނެތިފައި ނޫނީ ދޫކޮށްލެވިފައި. އަނެއްކާވެސް އެކަންކަން ގެނެސްގެން ނޫނީ މިކަން ކޮންޓްރޯލެއް ނުކުރެވޭނެ. ކިތަންމެ ވަރުގަދަ ސްޓޭއިނެއް އުޅުނަސް އެ ބައްޔަށް ހުށައެޅިގެން ނޫނީ އެެ ބައްޔެއް ނުޖެހޭނެ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް