ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަށް ޤަޟިއްޔާއެއް ހިންގައި ނިންމުމުގައި އެ ޤަޟިއްޔާތައް ބެއްލެވި ގާޒީ އިސްމާޢީލް ރަޝީދު ޢަމަލުކޮށްފައި ވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ފާޅުކަންބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ޚިލާފަށްކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އެ ޤަޟިއްޔާތަކާ ގުޅިގެން އިޖުރާޢީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް، 2020 ޖުލައި 12 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު ޖުލައި 14 ވަނަ ދުވަހު އެ ޤަޟިއްޔާތަކުގައި ޙުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ޙުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ޙުކުމެއްކަން ތަޙުޤީޤަށް ހޯދުނު ކަމަށެވެ.
އެ މައުލޫމާތު ލިބިފައިވަނީ ގާޒީގެ ޕެންޑްރައިވެއްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު "އިޖުރާއީގޮތުން ނިންމާ ނިންމުން" ގެ ނަމުގައި ސޭވް ކޮށްފައިވާ ލިޔުމަކުންނެވެ. އެ ލިޔުމުގައިވާ ނުކުތާތަކާއި ޙުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކެއްކަން އެނގޭކަމަށެވެ. މި ކަންކަމަށް ރިޢާޔަތްކުރާއިރު ހަތް ޤަޟިއްޔާގައި ޤާޟީ އިސްމާޢީލް ރަޝީދު ޙުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނޫންކަން ފާހަގަވާކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ގާޒީއިސްމާޢީލް ރަޝީދުކޮށްފައިވާ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް މިއަދު ބޭއްވި މި އަހަރުގެ 41 ވަނަ ޖަލްސާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް