ވޭރިއެންޓް ދެނެގަންނަން ފޮނުވާތާ ހަ މަސް، ސާމްޕަލް އަދި ފޯރީ ލެބޯޓްރީއާ ހިސާބަށް!

ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިންތިހާއަށް އިތުރުވެ ކޮންމެ ދުވަހަކު ވައިރަސް ޖެހޭ މީހުންގެ އަދަދު މިހާރު ހާހުން މަތީގައި އުޅޭތާ ދެ ހަފްތާވަރު ވެއްޖެ އެވެ. ކޯވިޑް ކޭސްތައް މިހާ ބޮޑަށް އިތުރުވެ މަރުވާ މ...

23 May 2021 | 19:21

ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިންތިހާއަށް އިތުރުވެ ކޮންމެ ދުވަހަކު ވައިރަސް ޖެހޭ މީހުންގެ އަދަދު މިހާރު ހާހުން މަތީގައި އުޅޭތާ ދެ ހަފްތާވަރު ވެއްޖެ އެވެ.

ކޯވިޑް ކޭސްތައް މިހާ ބޮޑަށް އިތުރުވެ މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވަނީ ރާއްޖޭގައި އެހެން ވޭރިއެންޓެއް އުޅޭތީ ކަމަށް ގިނަ އާންމުން ގަބޫލު ކުރެ އެވެ. އަދި އެކަން ސިއްހީ ދާއިރާގެ އިސް ފަރާތްތަކުން ގަބޫލު ކުރެވުނު ނަމަވެސް އެކަން ޔަގީން ކޮށްދޭން އެ ބޭފުޅުން ބޭނުންވަނީ ކޯވިޑަށް ޓެސްޓު ކުރާ ސާމްޕަލް ތަކުގެ ތެރެއިން ފާހަގަ ކުރެވޭ ބައެއް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައި ޓެސްޓު ކުރުމަށް ފަހު އެވެ.

ކޯވިޑް ފެތުރެން ފެށުމުން މިދިޔަ އަހަރު މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު އަލުން އާ އާންމު ހާލަތުގައި ގައުމު ހުޅުވާލި އިރު ދޭތެރެ ދޭތެރެއިން ކޭސްތައް އިތުރު ވިނަމަވެސް މިހާރު ކޯވިޑް ކޭސްތައް އިތުރުވެފައިވާ ވަރަކަށް ނުވެ އެވެ. މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވާން ފެށި އިރު ރާއްޖެއިން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުން ކޯވިޑްގެ އާ ވޭރިއެންޓެއް ފެނި އެ ބިރު އޮތީ މުޅި ދުނިޔެއަށް ކުރިމަތިވެފަ އެވެ.

އެހެންވެ ޑިސެމްބަރު މަހު އިނގިރޭސިވިލާތުން އަންނަ މީހުން އަމަލު ކުރަން ހާއްސަ ފިޔަވަޅުތަކެއް ކަނޑައެޅުމަށް ފަހު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ ރާއްޖޭގައި އިނގިރޭސިވިލާތުން ފެނިފައިވާ ވޭރިއެންޓު އުޅެދާނެ ކަމަށާއި އެކަން ޔަގީން ކުރަން މާލެއިންނާއި އަތޮޅު ތެރެއިން ނަގާފައިވާ ބައެއް ސާމްޕަލްތައް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ފަހުން މިއީ ހަވަނަ މަހެވެ. މިއަދާއި ހަމައަށް އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާކަން ނުވަތަ ނޫންކަން އެޗްއީއޯސީން ހާމަކޮށްފައި ނުވާއިރު ދެ މަހެއްހާ ދުވަސް ވަންދެން ނޫސްވެރިން އެ ސުވާލު ކުރުމުންވެސް ޑިސެމްބަރު މަހު ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ދުވަހެއް ބުނެދޭކަށް ނޭނގުނެވެ.

އެ ވޭރިއެންޓުން އަރައި ނުގަނެވިގެން އުޅެނިކޮށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޑިއާގައި މިދިޔަ މާޗް މަހުން ފެށިގެން ކޯވިޑް ފެތުރުން ކުއްލިއަކަށް އިތުރުވި އެވެ. އެއީ އެހެން ގައުމަކުން ނުފެންނަ ވޭރިއެންޓެއް ކަމާއި އަދި ރާއްޖެއަށް އޮތް ނުރައްކާތެރި ސިގްނަލަކަށްވި ނަމަވެސް އިންޑިއާއިން ރާއްޖެ އަންނަ މީހުން އެތެރެވުން މަނާ ކުރީ އޭގެ ދެ މަހެއްހާ ދުވަސް ފަހުން މިމަހުގެ13 ވަނަ ދުވަހު އެވެ.

އޭގެ ކުރިން ސަރުކާރަށް އިންޑިއާގެ ހާލަތު ސީރިއަސް ނަމަވެސް ޓޫރިސްޓުންނާއި އެނޫންވެސް ގޮތްގޮތުން އިންޑިއާ މަގުން އަންނަ މީހުން ހުއްޓުވަން ފިޔަވަޅެއް ނޭޅުނެވެ. އަދި މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ރާއްޖޭގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެ ކޮންޓްރޯލް އަތުން ނައްޓައިގެން ގޮސްފައިވާކަން އެނގޭވަރަށް ކޯވިޑަށް މީހުން ދަނީ ޕޮސިޓިވްވަމުންނެވެ.

އަދަދުތައް 1،000 އާއި ގާތަށް ދާން ފެށުމުން މިއުޅެނީ އިންޑިއާ ވޭރިއެންޓުތޯ ނުވަތަ އިންތިހާބާއި ގުޅިގެން ކޯވިޑް އިތުރުވެގެންތޯ ސުވާލު ކުރަން ފެށުމުން މިދިޔަ މަހު ކުރީ ކޮޅުން ފެށިގެން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ކޭސްތައް އިތުރުވެފައިވަނީ އިންތިހާބާއި ގުޅިގެން ކަން އަދި ސީދާ ވިދާޅުވެވެން ނެތް ކަމަށެވެ. އަދި މިއުޅެނީ އިންޑިއާ ވޭރިއެންޓް ރާއްޖެ އައިސްގެންތޯ ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކި ސަރަހައްދުތަކުން ސާމްޕަކް ނަގައި ރާއްޖެއިން ބޭރަށް ޓެސްޓު ކުރަން ފޮނުވާފައިވާ ކަމަށެވެ.

އޭގެ ފަހުން މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެއް ދުވަހުން އަނެއް ދުވަހަށް ކޯވިޑް ޖެހޭ މީހުން އިތުރުވެ 2،000 އިން މައްޗަށް އަދަދުތައް ގޮސް މަހެއް ތެރޭގައި50 އަށްވުރެ ގިނަ މީހުން ކޯވިޑް ޖެހިގެން މަރުވި އިރުވެސް އަދިވެސް އެ ސާމްޕަލް ތަކުގެ ނަތީޖާ ނުލިބެ އެވެ.

އެންމެ ފަހުން އިއްޔެ އާ ވޭރިއެންޓާއި ގުޅޭގޮތުން ސުވާލު ކުރުމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ޓެސްޓު ކުރަން ފޮނުވި ސާމްޕަލްތައް އަދި ފޯރީ ލެބޯޓްރީއާއި ހަމައަށް ކަމަށެވެ.

އެ ސާމްޕަލްތައް ޓެސްޓު ކުރަން ފޮނުވީ ކޮން ގައުމެއްގެ ކޮން ހޮސްޕިޓަލަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

އިއްޔެ ލިބުނު މައުލޫމާތައް ބަލާއިރު މި ސާމްޕަކްތަކުގެ ނަތީޖާ ލިބޭނެ ކަމާއި މެދުވެސް ސުވާލު އުފެދިއްޖެ އެވެ. އެއީ ކޯވިޑް ޖެހި ރަނގަޅުވާ މީހުންނަށް ޖެހޭ ލޮލުގެ ފެނުން ގެއްލޭ ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހެއްގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވައިގެން އެއީ އެބަލި ނޫންކަން ދެނެގަންނަން އެންމެ ދެތިން ދުވަސް ނެގުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް