މޫސުން ގޯސްވެ ކަނޑު ދަތުރު ކުރުން ރަނގަޅު ނޫންކަމަށް ފެންނާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑިއެފުން ބުނީ ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓު ކޯސްޓްގާޑަށް ލިބުން މިއަދު އިތުރުވެފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މި ދުވަސްވަރު ދަތުރު ކުރާނަމަ މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ސަމާލުކަންދީ، އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުފެށުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް ބަރު ނުކުރުމާއި ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި، ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑައިވިން ކުރުމާއި މޫދު ކުޅިވަރުތައް ރޭވުމުގައިވެސް މޫސުމަށް ބެލުމަށް އެދޭ ކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް ކުރާއިރު ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ބެލުމަށް އެދިވަޑައިގެންނެވި އެވެ.
ދަތުރުކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އިލްތިމާސް ކުރެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ލެޔޯ އެލާޓު ނެރެފައިވާއިރު މެޓް އޮފީހުން ލަފާ ކުރާގޮތުގައި ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ އެވެ. އަދި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް