ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ޔުމްނާގެ ޕާސްޕޯޓު ހިފެހެއްޓިކަން ފުލުހުންގެ އިދާރާއިން އޭނާއަށް އެންގީ މިއަދު ހަވީރު އެވެ. އެކަމަކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ކޮން މައްސަލައެއްގައި ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން ދަނީ ޔުމްނާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކުރަމުންނެވެ. މި މައްސަލައިގަ ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
މިދިޔަ ހަފްތާގައި ފުލުހުން ވަނީ ޔުމްނާގެ އަތު ލިޔުމުގެ ސާމްޕަލް ނަގަން ބޭނުންވާކަން އަންގާފަ އެވެ. އެ މައްސަލައިގައި، ޔުމްނާގެ އަތުލިޔުމެއް ބޭނުންވެގެން ފުލުހުން އެދުނު ނަމަވެސް ކޯޓު އަމުރެއް ނެތި އަތު ލިޔުން ދިނުމަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތު ޔުމްނާ އާއި ބައްޕާފުޅު މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫނަށް ވެސް ކުރެ އެވެ. ނަދީމާއި ފާރިސް ވެސް ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް