ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގީ ހުމާއި، ވައިރަލް ހުން އަދި އަރިދަފުސް ރޯގާއާއި، އިންފުލުއެންޒާ ފެތުރުން ދަށްވަމުން ނުދާކަން ފާހަގަކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އެދިއްޖެއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްްބަޔާނުާގައި ބުނެފައިވަނީ ވޭތުވެދިޔަ ދެހަފްތާ ތެރޭގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތައް މާލެ ސަރަހައްދުގައި ގިނަކަން ފާހަގަކުރެވޭކަމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ގިނަކަމަށް ފާހަގަކުރެވޭކަމަށެވެ.
އިތުރަށް ސަމާލުކަން ދޭންވީ ކަންކަން:
އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝީއެއް ފަދަ އެއްޗެއް އެޅުން.
އާންމު ސާފުތާހިރުކަމަށް، ޚާއްޞަކޮށް ސައިބޯނިލައިގެން އަތްދޮވުން ކަހަލަ ކަންކަމަށް ސަމާލުކަން ދިނުން.
ރޯގާޖެހި، ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިޔުން، ޚާއްޞަކޮށް މިފަދަ ތަންތަނަށް ކުދިން ނުގެންދިޔުން.
ރޯގާޖެހިފައި ވާނަމަ ކުޑަކުދިންނާއި ދުރުހެލިވުން.
ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިޢުމާލު ނުކުރުން.
ބަލިޖެހުމުން ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުންގެ (high risk) ތެރެއިން އުމުރުން 5 އަހަރުން ދަށުގެ ކުދިން، މާބަނޑު މީހުން، އުމުރުން ދޮށީ މީހުނާއި ދިގުމުއްދަތަކަށް ފަރުވާކުރާ ބަލިމީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމެވެ. އަދި މިފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާއެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ދިޔުން، އަދި ބަލިމީހުންނަށް ޒިޔާރާތް ކުރުމަށް ކުޑަކުދިންނާއި އުުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިޔުމާއި ކޮންމެެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައިމެނުވީ ހޮސްޕިޓަލަށް ނުދިޔުން.
ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރެވިފައިވީނަމަވެސް މިދުވަސްވަރު ކުރަމުންމިދާ ވިއްސާރަޔާއި ގުޅިގެން އިތުރަށް ބަލިފެތުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، މަދިރި ސްޕްރޭ ފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ޑެންގީ ފަތުރާ މަދިރި އާލާވުން މަދުކުރުމަށްޓަކައި ހުސް ފުޅި/ދަޅު އަދި އެކި އެކި ފެންހަރުުލާ ތަކެތި ގޯތިތެރެއާއި، މަގުމައްޗަށް އުކާނުލުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް