އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނު މެކުނުގެ ބާރު ކުރިއަށް އޮތް ހަ ގަޑިއިރު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ވަކިން ހާއްސަކޮށް ކަނޑުދަތުރުފަތު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް މެޓް އޮފީހުން ނެރެފައިވާ މޫސުމާއިބެހޭ ހަބަރުގައި ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭ ކަމަށެވެ.
"މީގެ އިތުރުން އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ، 22 މެއިވީ އަންގާރަދުވަހު ވަނީ ތޫފާނަކަށް ބަދަލުވެފަ އެވެ. މި ތޫފާނަށް ދެވިފައިވާ ނަމަކީ، މި ސަރަހައްދުގައި އުފެދޭ ތޫފާނުތަކަށް ނަންދިނުމުގެ މިންގަނޑަށް ރާއްޖެއިން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން "މެކުނު" އެވެ. ތޫފާނު މެކުނު މިހާރު ހުރީ ރާއްޖޭގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 2050 ކިލޯމީޓަރު ދުރުގަ އެވެ. މި ތޫފާނު ދަތުރު ކުރަމުންދަނީ މެދުއިރުމައްޗާދިމާލަށް، ރާއްޖެއާ ދުރަށެވެ. ކުރިއަށް އޮތް ހަ ގަޑިއިރު ތެރޭގައި ތޫފާނު މެކުނު އިތުރަށް ބާރުގަދަވެ 26 މެއި ވާ ހޮނިހިރު ދުވަހު ހެނދުނު، އޮމާން އާއި ޔަމަން ގުޅޭ ސަރަހައްދުގެ އައްސޭރި ހުރަސްކުރާނެކަމަށް ލަފާކުރެވެ އެވެ. މި ތޫފާނުގެ ސީދދާ އަހަރު ރާއްޖެއަށް ކުރާނެކަމަކަށް ލަފައެއް ނުކުރެވެ އެވެ." މެޓް އޮފީހުން ބުނެފައި ވެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މި ތޫފާނާ ގުޅިގެން މި ސަރަހައްދުގައި ބާނި ބޮޑުވެ، ކުރިއަށްއޮތް ތިން ދުވަހު ދިޔަވަރުބޮޑުވާ ވަގުތުތަކުގައި އާއްމުކޮށް އުދައަރާ ރަށްރަށަށް އުދައުގެ އަސަރުކުރުމުގެ ފުރުސަތު އޮތުމުން މިކަމަށް ސަމާލުވެލެއްވުމަށް ދަންނަވާކަމަށެވެ. އަދި އެންމެ ފަހުގެ މައުލޫމާތު މެޓް އޮފީހުގެ ޓްވިޓާ ހޭންޑަލް އިން ލިބިލައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް