ގައުމީ ފުޓުބޯޅަ ޓީމުތަކުގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.
ބީއެމްއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެއަހަރު ފިރިހެން ސީނިއާ ގައުމީ ޓީމު، އަންހެން ސީނިއާ އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެން ދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިން ޖަހާނެ އެވެ. އަދި ގައުމީ ޓީމުތައް ކުޅޭ ބައިނަލްއަގްވާމީ މެޗުތަކުގައި ސަޕޯޓުކުރުމަށް ބޭނުންކުރާ ދިދަ އާއި ބެނާ އަދި އެހެނިހެން ތަކެތި ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ގައުމީ ފުޓުބޯޅާ ޓީމުތަކުން ހޯދާ ކާމިޔާބީ އަކީ ދިވެހިން ދެކެން ބޭނުންވާ ތަނެއް ކަމަށެވެ. އަދި ބީއެމްއެލް އަކީ އޭގެ ހިއްސާއަކަށް ވުމަކީ އެ ބޭންކުގެ ބޭނުމެއް ކަމަށާއި ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން އުފައްދަން ބޭނުންވާ ކަމަށެވެ.
"ގައުމީ ޓީމުތަކުން ގިނަ ކާމިޔާބުތަކެއް ހޯދާތަން ދެކެން ހުރިހާ ދިވެހިން ވެސް ބޭނުންވޭ އަދި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް އަޅުގަނޑުމެންނަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް އަޅުގަނޑުމެން ބޭނުންވޭ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީވުމަކީވެސް އަޅުގަނޑުމެން ބޭނުންވާ ކަމެއް،" އެންޑްރޫ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ޖާޒީތަކުގައި ބީއެމްއެލްގެ ލޯގޯ ޖަހާފާއިވާ ޓީޝާޓުތައް ދައްކާލާފައި އެވެ. އަދި ރާއްޖެއިން ބޭރުގައި ގައުމީ ޓީމުތައް ކުޅޭ ބައިނަލްއަގުވާމީ މެޗުތަކަށް ހާއްސަ ޕްރީޕެއިޑް ކާޑެއް ތައާރަފްކޮށްފައި އެވެ.
އެފްއޭއެމް ޓްރެވަލް ކާޑުގެ ނަމުގައި ތައާރަފްކުރި މި ކާޑު ދޭނީ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް