ސިޔާސީ ޕާޓީތަކަށް ދަުއލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިއަހަރު ދޭން ނިންމާފައިވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މިއަހަރު ފައިސާ ދޫކުރާނީ ވެރިކަން ކުރާ ޕީޕީއެމް، އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއަށް ކަމަށެވެ. އެ ޕާޓީތަކަށް ފައިސާ ދޫކޮށްދިނުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޕާޓީތަކަށް ދޫކުރަން ނިންމާފައިވާ ފައިސާގެ އަދަދެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.
މިދިޔަ އަހަރު ޕީޕީއެމްއަށް 10 މިލިއަން ރުފިޔާ ދީފައިވާއިރު އެމްޑިޕީއަށް ދީފައިވަނީ ހަތް މިލިއަން ރުފިޔާ އެވެ. އެމްޑިއޭއަށް 2.8 މިލިއަން ރުފިޔާ ދީފައިވާއިރު ޖޭޕީއަށް ދީފައިވަނީ 2.7 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ތިރީސް ފަސް މިލިއަން ތިން ލައްކަ ހަތްސަތޭކަ ތޭވީސް ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް